ލިޔުނީ: ނިރު، ޝާހިން މުހައްމަދު

(ނުވަ ވަނަބައި)

"މަލާކު! ދާން ވީނު ގެއަށް! އޮފީސް މަސައްކަތް ވެސް ހުންނާނެނު ކުރަން! އަހަރެން މިތާ މަޑުކުރާނަން.. ޑޮކް ވަކިއެއްޗެއް ބުނަން ދެން!" ހާޒިމް ބޭނުންވީ މަލާކު ގެއަށް ފޮނުވާލާށެވެ.

"ހިނގާބަލަ ކުރުނބާ ފެންފޮދެއް ދެވޭތޯ .. ފުރަތަމަ!" މަލާކު ބޭނުންވީ ދިއުމުގެ ކުރިން ޒާއިރާއަށް ފެންފޮދެއް ނަމަވެސް ދެވޭތޯ ބެލުމެވެ.

މަލާކުއާ ހާޒިމް ކުރި މަސައްކަތް ނާކާމިޔާބު ވުމުން ރަހުމަތްތެރިޔާއާ ދިމާއަށް ހިތްދަތި ނަޒަރަކުން ބަލާލުމަށްފަހު މަލާކު ހިނގައިގަތީ ގެއަށް ދިއުމަށެވެ. އެހެންނަމަވެސް އެ ކޮޓަރީގެ ދޮރުލައްޕާލުމުގެ ކުރިން އަނެއްކާ ވެސް މަލާކު އެނބުރި ލިއެވެ.

"ޕްލީޒް، ..." މަލާކުއަކަށް ވާހަކައެއް ނުދެއްކުނެވެ. ރަޙުމާތްތެރިޔާއަށްޓަކައި އޮހިގަންނަން ތައްޔާރަށް ހުރި ކަރުނަތައް އެ ބޮޑު ދެލޮލުން އޮހިގެންފާނެތީ މަލާކު ދޮރު ލައްޕައިލީ ހާޒިމް ބޯ ޖަހާލުމުންނެވެ.

މަލާކު ދިއުމަށްފަހު މާގިނަ އިރުތަކެއް ނުވެ ޒާއިރާގެ ޓެސްޓްތަކުގެ ނަތީޖާ ލިބިއްޖެއެވެ. ޑޮކްޓަރ އައިސް ބެއްލެވުމަށްފަހު ޓެސްޓްތަކުން އެއްވެސް މައްސަލައެއް ފެންނަން ނެތް ވާހަކަ ބުންޏެވެ.

"ހީވާގޮތުން ކޮންމެވެސް ކަމަކާ މާބޮޑަށް އަސަރުކުރީ! އާއިލާގެ އެހީތެރިކަމާ އަޅާލުން ލިބުމުން މަޑުމަޑުން ހަމައަކަށް އެޅިދާނެ!" ޑޮކްޓަރަށް ފެންނަ ގޮތް ލަފާކޮށްލާފަ ޑޮކްޓަރ ބުންޏެވެ. އަދި އިރުކޮޅަކަށް ބާއްވާލުމަށްފަހު އައިވީ ހުސްވުމުން ފޮނުވާލާނެކަމަށް ބުނެފައި ޑޮކްޓަރ ހިނގައްޖެއެވެ.

ތެދެކެވެ. މެންދުރުއަތަށް އެޅުމުން ޒާއިރާ ގެއަށް ފޮނުވާލައިފިއެވެ. އޭރުވެސް އޭނަގެ އަރުތެރެއަށް އެއްވެސް އެއްޗެއް އަދި ނުދެއެވެ. އެހެންވިޔަސް އައިވީ ދީފައި އޮތުމުން ވަރުބަލިކަމެއް އިހުސާސް ނުވާނެއެވެ.

ކަންތަކާ ލައިގަތީ އިރުއޮއްސި މަޣުރިބު ނަމާދަށް ބަންގި ދިނުމުންނެވެ. ކޮޓަރީގެ އެނދުގައި ދެލޯ މެރިފައި އޮތް ޒާއިރާ ފުންމައިގެން ތެދުވިއެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އެރޭއްސުރެ ބަލިވެ އެނދުގައި ނުތެދުވެވިފައި އޮތް މީހެއް ހެނެއް ހިއެއް ނުވެއެވެ. ފާޚާނާއިން ނިކުމެ މޫނުގައި ފުށްކޮޅެއް ހާކައިލިއެވެ. ދެން ލޯގަނޑު ކުރިމައްޗަށް ހުއްޓިހުރެ ދެއަތަކަށް އެނބުރިލާ އަމިއްލަ ސޫރަ ބަލައިލިއެވެ. ޒާއިރާ އެ އުޅެނީ އޭނަގެ ވަރަށް ޚާއްސަ ފަރާތަކާ ބައްދަލުކުރަން ދިއުމަށެވެ.

ކޮޓަރީގެ ދޮރު ހުޅުވިގެން ދިއަ އަޑަށް ސިޓިންގރޫމުގެ ސޯފާއެއްގައި އިން ހާޒިމް ބަލައިލިއެވެ. އެކަން އެހެން ވެދާނެކަމަށް ހީވާތީ އެކަމަށް ތައްޔާރުވެގެން އިނަސް ހާޒިމަށް ލިބުނީ ސިހުމެކެވެ. މާޒިން ބަލައިލީ ހާޒިމްގެ މޫނަށެވެ. އެމީހުން އެތާ ތިބިކަން ޒާއިރާއަށް ނުވެސް އެނގޭކަހަލައެވެ. މަޑުމަޑުން ހިނގާލާފަ ގޮސް ސިޓިން ރޫމުން ނިކުތެވެ. އާދައިގެ މަތިން ގޮސް ހުވަނދުމާގަހަށް ނަޒަރު ހުއްޓާލައިއެވެ. އަދި މަޑުމަޑުން އެ ގަހުގައި އާންމުކޮށް ވެސް ޒާއިރާ އަތްހިންގާލާ ގޮފިގަނޑުގައި އަތް ހިންގައިލިއެވެ. އެއާ އެކު އެކީ އަތް ދަމައިވެސް ގަތެވެ. އަދި މަޑު މަޑު ހަޅޭކެއްގެ އަޑާއެކު ޒާއިރާ ވެއްޓެން ދިޔައެވެ. ހާޒިމް ދުވެފައި އައިސް ޒާއިރާ ގައިގާ ހިފެހެއްޓިއެވެ. މާޒިންގެ އެހީއާ އެކު ޒާއިރާ ގެންދިޔައީ ޒާއިރާގެ ކޮޓަރިއަށެވެ. އެނދުގައި ޒާއިރާ ބޭއްވުމަށްފަހު ޒާއިރާ ކައިރީ ޚަތިމެއް ހިފައިގެން އައިސް އިށީންނަން ހާޒިމް އެދުނީ މާޒިން ގާތުންނެވެ. އަދި މަލާކުއަށް ގުޅައި މަލާކު ވެސް އެގާޑީގައި އަވަހަށް އައިސް ދިނުމަށް އެދުނެވެ. އޭރު މަލާކު ހުރީ ގެއާ ދާދި ކައިރިއަށް އާދެވިފައެވެ.

ހާޒިމް އުޅުނީ އޭނަގެ އެކުވެރި ރާގީ ކިޔައިދިން އާޔަތްތަކާ ސޫރާތްތައް ހޯދާ ޚަތިމުން އެތަންތަން ފާހަގަ ކުރުމަށެވެ. އެކަންތައް ނިންމާ ނުލެވެނީސް މަލާކު އައިސް ގެއަށްވަނެވެ.

މާޒިންއާ މަލާކު އެ ކޮޓަރިން ބޭރަށް ނެރުމަށްފަހު ހާޒިމް އެމީހުންނަށް ކިޔައިދިނީ އެމީހުން ކަންތައް ކުރަންވާ ގޮތާ ހާޒިމް ކަންތައް ކުރާނެ ގޮތެވެ. އަދި އެ ގޮތަށް ކަންތައް ކުރަން ޖެހުނީ ޒާއިރާގެ ރައްކަލަކަށްޓަކައިކަމާއި ވެގެން އުޅޭގޮތް ސާފުވާނީ މިކަންކަން މިހެން ކޮށްގެންކަމަށް ވެސް ބުންޏެވެ. ހާޒިމް އަކީ ރުޤުޔާ ދަސްކުރަމުންދާ ޒުވާނެއްކަން އެ ދެބެންނަށް ވެސް އެނގޭތީ ހާޒިމްއަށް އިތުބާރުކުރުން ނޫންގޮތެއް މިވަގުތަކު ނެތެވެ. އަމުދުން ރޭގައި އެހިނގި ކަންތައްތަކުން ކުޑަމިންވަރެއް ނަމަވެސް މާޒިންއަށް ވެސް ފެނި އެ ބިރުވެރިކަން ތަޖުރިބާ ކުރެވިފައި އޮތުމުންނެވެ.

ހޭނެތިފައިވާ ޒާއިރާގެ ކަނާތްފަރާތުގައި މާޒިން އިށީނދެ ހާޒިމްގެ އިޝާރާތަކަށް ސަމާލުވެ އިނެވެ. ހާޒިމް ކިޔަވަން ފެށިތާ މާގިނަ އިރެއް ނުވެ ޒާއިރާ ހަރަކާތް ކުރަން ފެށިއެވެ. އަދި މަޑުމަޑުން ދެލޯ ހުޅުވައިލިއެވެ. ދެލޮލުގެ ކަޅި ހުއްޓިފައިހުރީ ކޮޓަރީގެ ސީލންގއަށެވެ.

"އައްސަލާމް ޢަލައިކުމް!" ކުއްލިއަކަށް ޒާއިރާ ވާހަކަދެއްކިއެވެ. އެކަމަކު އޭނަގެ އަނގަ ހަރަކާތެއް ނުކުރެއެވެ. އަދި އަޑުވެސް ތަފާތެވެ. ޒާއިރާގެ އަސްލު އަޑަށްވުރެ އެ އިވުނު އަޑު ތޫއްޔެވެ.

މާޒިންއަށާ މަލާކުއަށް ބަލައިލެވނީ ހާޒިމްއަށެވެ. ހާޒިމްގެ މޫނުމައްޗަށް ވެސް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ވެރިވިއެވެ. އެހެންނަމަވެސް ހަމަޖެހިލިއެވެ.

"ކަލޭމެންނަކީ ވެސް އަހަރެމެން ކަހަލަ ބައެއް... ނުވަތަ އަހަރެމެންނަކީ ވެސް ކަލޭމެން ކަހަލަ ބައެއް... މުއުމިނުން. ކަލޭމެން ފަދައިން ނަމާދުކޮށް ޤުރުއާން ކިޔަވާ ޤުރުއާން އަޑުއަހާ މީހުން. އެހެންވީމާ އަހަރެންނަކަށް ތި ކަމަކުން އެއްވެސް ގެއްލުމެއް ނުދެވޭނެ!" އެ އަޑުގެ ވެރިޔަކު ބުންޏެވެ. އެއަޑުގައި ޖެއްސުމެއް މަލާމާތެއް އަދި ބިރުވެރިކަމެއް ވެސް ނެތެވެ. އެހެންނަމަވެސް ޖިންނި ޝައިޠާނުންނަކީ ނުލާހިކު މަކަރުވެރި ބައެއްކޭ ހާޒިމްގެ އެކުވެރި ރާގީ ބުނެފައި އޮތުމުން ހާޒިމް އެ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.

"އަހަރެން މިތަނަށް އައީ އަހަރެން އަމިއްލައަކަށް ނޫން! އަދި އަހަރެން މިތަނަށް ގެނައީ ކަލޭމެނެއް ވެސް ނޫން!.... އަހަރެން މިތަނަށް އަންނަން މަޖުބޫރުވީ!..." މި ފަހަރު އެ އަޑުގައިވަނީ މޮޅިވެރިކަމެވެ. ހާޒިމް ކިޔެވުން ހުއްޓާލާ ފުރަތަމަ ފަހަރަށް އެ އަޑަށް ސަމާލުކަން ދޭކަން ފާޅުކުރިއެވެ.

"އަހަރެންގެ ކޮއްކޮގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކަކަށްޓަކައި ވެސް އަހަރެން ފުރާނަވެސް ދުއްވާލަފާނަން! އަހަރެންގެ ..އަހަރެމެންގެ އެއްވެސް ބާރެއް ހިނގާނަމަ ޒާއިރާއަކަށް އެއްވެސް އަނިޔާއެއް ނުލިބުނީސް... އަދި އަހަރެންގެ ކޮއްކޮއަށް ޒާއިރާ ދޫކޮށްލާފަ ދާކަށްވެސް ނުޖެހުނީސް... އެކަމަކު ކީއްކުރާނީ.... އަހަރެމެނަށް މަޖުބޫރު!" އެ އަޑުގެ ވެރިޔާ ރޮނީއެވެ. އޭނަ ބުނި ފަދައިން އޭނަގެ ކޮއްކޮއަށްޓަކައި އޭނަގެ ހިތުގައި އޮތް ލޯބި އެ ވާހަކައިގެ އަސަރުން އެކަނި ވެސް ހާމަވެގެން ދިޔައެވެ.

"މާ ވާހަކަގިނަ ނުކޮށް ކިޔައިދީބަލަ! ތިބުނާ ކޮއްކޮއަކީ ކާކު! އަދި އެ ކޮއްކޮއަކާ ޒާއިރާއާ ދިމާވީ ކިހިނެއް!" ހާޒިމްގެ އަޑުގައިވަނީ މައިތިރިކަމެވެ.

"ޒާއިރާމެން މިރަށަށް އައި ދުވަހުގެ ރޭގަނޑު ކޮއްކޮ އިނީ މިގޭ ހުވަނދުމާގަހުގައި! ޒާއިރާ ވަދެގެން އަންނަމުން ފިރުމައިލީ ގަހުގެ ޒާއިރާއާ އެންމެ ކައިރީގައި ހުރި މާތަކުގައި! ... ހަގީގަތުގައި ޒާއިރާއަށް ފިރުމައިލެވުނީ ކޮއްކޮގެ ބުރަކަށީގައި.... އެވަރުން ވެސް ކޮއްކޮ ހުރީ ޒާއިރާއާ ދުރުގައި ހުންނަން ނިންމައިގެން. އެކަމަކު ފަހު ދުވަހު ވެސް ޒާއިރާ އެކަން ތަކުރާރު ކުރި. އަދި އެ ދުވަހު ޒާއިރާ އެނބުރިލާފައި ހުވަނދުމާގަހުން ބިނީ މަލެއް. އަދި އެ މަލުގައި ވަސްގަތީ! ޒާއިރާއަށް ވަސް ބަލައިލެވުނީ ކޮއްކޮގެ ކަނދުރާގައި... . އެހިސާބުން ކޮއްކޮ ޒާއިރާ ދެކެ ލޯބިވީ! ކޮއްކޮ ޒާއިރާ ދެކެ ވަރަށް ބޮޑަށް ލޯބިވި! އެއީ ޒާއިރާ ކޮއްކޮއަށް ދިން ދައުވަތަކުން ހިނގި ކަމެއް!" އެ އަޑު ކެނޑިއްޖެއެވެ.

"ދެން ވީ ކިހިނެއް! އޮޅުން ފިލުވައިދީ! އަހަރެމެނަށް ޒާއިރާ ސަލާމަތް ކުރުމަށް ތި ވާހަކަތަކުން އެހީތެރިކަން ލިބޭނެ!" ޒާއިރާ އެހެން ފަރާތެއް ދެކެ ލޯބިވީކަން އެނގުމުން ވެސް ހާޒިމްގެ ހިތް ޒާއިރާއަށްޓަކައި ހަމްދަރުދީއިން ފުރިގެން އައެވެ.

"ކޮއްކޮ ފުރަތަމަ ޒާއިރާއަށް ފެނިލީ އެއްރޭ ހުވަފެނުން! އެ ރޭ ކޮއްކޮއަށް އެނގުނު ޒާއިރާއަށް ކޮއްކޮ ކިހާ ކަމުގޮސްފިކަން. އެހެންވީމަ ކޮއްކޮ އިންސާނެއްގެ ސިފާގައި ޒާއިރާއާ ބައްދަލުކުރީ.. އެއީ އެއްރޭ ފަތިހު ފަތިސްނާމަދަށް ބަންގި ގޮވުމުގެ ކުރިން. އޭގެ ފަހުން އެކަން ތަކުރާރުވަމުން އައީ!" އަނެއްކާވެސް އެ އަޑުގެ ވެރިޔާ މަޑުކޮށްލިއެވެ. އެހެންނަމަވެސް ސިކުންތުކޮޅަކަށްފަހު އަނެއްކާ ވެސް ކިޔައިދޭން ފެށިއެވެ.

"މަލާކު ވަރަށް ރަނގަޅަށް ހަނދާން ހުންނާނެ، އެއްދުވަހަކު ހަވީރު... ވާރޭ ވެހިގެން ދެމީހުން ދެ ގެއަކަށް ވާރޭ ހިޔަލަށް ވަން ހަނދާން! މަލާކު ކުރިން ދުވެގޮސް އެހެން ގެއަކަށް ވަނީ... އެދުވަހު ޒާއިރާ ދުވެގޮސްވަނީ އެމަގުގައިހުރި ޖަންބުގަސް ހުރި ގޯއްޗަށް. ޒާއިރާއަށް އެ ގެ ފެންނާނީ ވަރަށް ރީތިކޮށް ހަދާފައިވާ ގެއެއްގެ ގޮތަށް. ސަބަބަކީ އަހަރެމެންގެ އާއިލާގެ ވަރަށް ގިނަ މީހުން އެ ގަހުގައި ދިރިއުޅޭތީ! ޒާއިރާ އެ ގެއާ ދިމާއަށް ބަލައިލިތަން ކޮއްކޮއަށް ފެނުމުން ޒާއިރާގެ ލޯމައްޗަށް އެސިފާގައި ގެ ދެއްކީ.. އެއީ ކޮއްކޮ އެ ގަޑީގައި ވެސް ޒާއިރާއާ ވާހަކަދައްކަން ބޭނުންވެގެން. އަހަރެމެން އެކަން އެ ވަގުތުވެސް މަނާކުރީމު. އެކަމަކު އެރޭ އަނެއްކާ ވެސް ދެވަނަ ފަހަރަކު ވެސް ކޮއްކޮ ޒާއިރާ ކައިރިއަށް ދިޔަ! އެރޭ ކޮއްކޮ ޒާއިރާ ގޮވައިގެން އެދިމާއަށް އަތިރިމައްޗަށް ވެސް ފޭބި! އެގޮތަށް އެދެމީހުންގެ ލޯބި ބަދަހިވަމުން ދިޔައީ!" އެ އަޑު މަޑުވެ ހިނދިގެން ދިޔައެވެ. އިރުކޮޅަކަށެވެ. އެ އަޑު ދެން އިވެން ފެށިއިރު އެ އަޑުގައި ކުރިއަށްވުރެ ބަރުގޮތެއް ހުއްޓެވެ.

ކޮއްކޮއާ ޒާއިރާގެ ލޯބި އެންމެނަށް ފަޅާއެރީ އެރޭ .. އެދެމީހުން އަތިރިމަތީ އިށީން ވަގުތު. ޒާއިރާއަށް ވަރަށް ރަނގަޅަށް ފެނުނު އެރޭ އަހަރެމެންގެ ތެރޭ ހިނގި ކޯޅުން ... އެރޭ އެ ވަގުތު ވެސް ކޮއްކޮއާ އެކު ކައިވެނި ހަމަ ޖެހިފައިވާ އަންހެނާ ބޭނުންވި... ބޭނުންވި ޒާއިރާ ނައްތާލަން... ގިނި ހިލަތަކެއްގެ ގޮތުގައި ޒާއިރާއަށް އެ މީހުން ފެނުނަސް އެއީ އެ އަންހެނާގެ އާއިލާ މީހުން ގޮވައިގެން އޭނަ އައީ... އެރޭ މަލާކު އާ މިގޭ މީހުން ޒާއިރާ ނުފެނިގެން ވެސް އުޅުނު!" އަޑުގެ ވެރިޔާ އެބުނީ ތެދެކެވެ. މަލާކު އެރޭގެ މަތިން ވަރަށް ރަނގަޅަށް ހަނދާން ވެއްޖެއެވެ.

"އެރޭ ޒާއިރާއާ މަލާކު ވާހަކަ ދައްކަން ފެށުމުން ޒާއިރާ އައިތަން ބުނެފާނެތީ ކޮއްކޮ މަލާކުއަށް ދެއްކީ ކުރައްޕެއް!" ތެދެކެވެ. މަލާކު ހަނދާން އެބަހުއްޓެވެ. އެހެންނަމަވެސް އެކުރަފި އެހެންމީހަކަށް ފެނުމުގެ ކުރިން ކޮންމެވެސް ތަނަކަށް ވަދެ ފިލީއެވެ.

"އެރޭ ދެވަނަ ފަހަރަކުވެސް ކޮއްކޮ ޒާއިރާއާ ބައްދަލުކުރިއެވެ. ގޭގެ އެންމެންނާ ދެކޮޅަށެވެ. ކޮއްކޮ ހުރީ ޒާއިރާގެ ލޯބީގައި ދީވާނާ ވެފައެވެ. އެރޭގެ އެ ދަންވަރު ކޮއްކޮއާ ޒާއިރާ ހިނގަމުން ގޮސް އެންމެފަހުން ފޭބީ ރަށުގެ ތުނޑިއަށެވެ. އެތާގައި ކޮއްކޮގެ ކޮނޑުގައި ބޯ އަޅައިލުމުން ޒާއިރާއަށް ނިދިޖެހުނީ މަންމަގެ ސަބަބުންނެވެ. އެއީ ދުރުން އައި ކޮއްކޮގެ ކައިވެނި ހަމަ ޖެހިފައިވާ އަންހެން މީހާގެ ލަޝްކަރު ޒާއިރާއަށް ފެނުނަ ނުދިނުމަށެވެ. އެހެންނަމަވެސް އެމީހުން އަންނަކަން ޔަގީން ވުމުން ކޮއްކޮ ޒާއިރާ ހޭލައްވައިލީއެވެ. ކޮއްކޮ ޒާއިރާ ގޮވައިގެން އެއްގަމަށް އަރާތިބެ.... އެދެމީހުން ލޯބީގެ ޖަޒުބާތުގައި ޖެހިފައި ތިބި ވަރުން ގެންނަން އުޅުނު ހަރަކާތް ހުއްޓުވީ ވެސް މަންމައެވެ. ރުކަކުން ކާއްޓެއް ވެއްޓުނު އަޑު ޒާއިރާއަށް އިއްވާ ކޮއްކޮ ސަމާލުކުރުވީ އެވެ. އެހެންނޫން ނަމަ.... އެރޭ އެދެމީހުން ބޭނުންވި ހިސާބަށް އެ ދެމީހުންނަށް ދާން ފުރުސަތު ދިންނަނަމަ ... ޒާއިރާ އަނދާ އަޅިއަށް ވީހެވެ. ... އެރޭ ޒާއިރާ ގާތު ދެއަތާ ދެފައި ދޮވެގެން ނިދަން ކޮއްކޮ ބުނީ އެއީ އެމީހުންގެ ފަރާތުން ޒާއިރާއަށް ކޮންމެވެސް ވަރަކަށް ގޯނާ ކުރެވިފައި ހުރުމުން އެކަމުން ޒާއިރާ ސަލާމަތް ކުރުމަށެވެ.

(ނުނިމޭ)