ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސޭޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ސިޑްސްގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ސިޑްސްގެ ޤައުމުތައް ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވާހަކަފުޅުދައްކަވައި، ސިޑްސްގެ ހަތަރު ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ރައީސުން ވަނީ ޒުވާނުންނާއި ގުޅޭ އެކިއެކި ކަންކަމާއި، ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ އިތުރުން، އިންޑިއާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކައުތެރިވުމާއި، މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ސޭޝެލްސްގެ ރައީސް ވަނީ ދިވެހިރާއްޖެއަށް ހުރިހާ ދާއިރާއެއްގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ.

ދެ ރައީސުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މަސްރަޙުގައި އެއްބާރުލައިގެން ކުރިއަށް ދިއުމުގެ ރޫޙާއެކުއެވެ.

ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ޤައުމުތަކަށް، ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް މަގުފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.