އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުހިންމު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލަމުންނެވެ.

އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަކުރެއްވި ދެވަނަކަމަކީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދިނުމެވެ. އަދި އުމްރާނީ ތަރައްޤީއިން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށްވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާސިލްވުމަށް، ބަދަހިކަމާއެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކަހަލަ، ޖިއޮގްރަފީގޮތުން ދުރުމިނުގައި ރަށްތައް އުފެދިފައި ހުރި ގައުމު ތަކަށް މިކަން ވަރަށް މުހިންމު ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހު ކަމަކަށް ރައީސްވަނީ ދެ ފަރާތުގެ މެދުގައި ގުޅުން ގާއިމުކޮށް ތަޖުރިބާ ހިއްސާކުރެވޭނެ މަގުފަހި ކޮށްދިނުމުގެ މުހިއްމުކަމަށް އަލިއަޅުވައިލައްވާފައެވެ. އެއްވެސް ބައެއްގެ އުޖާލާ އަދި އުންމީދީ މުސްތަގުލަށް އެޅޭ ހުރަހަކަށް، މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަށް، ބޭންކުތަކަށާއި ބައިނަލްއަގުވާމީ އިދާރާތަކަށާއި އެހެނިހެން މާލީ އިދާރާތަކަށް ރައީސް ގޮވާލެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސް ވާހަކަފުޅުގައި، އެމަނިކުފާނުވަނީ މިއަދު މުޅި ދުނިޔޭގައިވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ

އެގޮތުން ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކޮށް، މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމުގައިވެސް އެމަނކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، އެންޓީގާ އެންޑް ބާބިޔުޑާގެ އެޖެންޑާ ހާޞިލްކުރެވޭނީ، ސިޑްސްގެ ގައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތް ކޮށް، އެންމެން ޝާމިލުވާގޮތަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް މިކުރާ ވިލުންތެރި މަސައްކަތުގައިވެސް އަމިއްލަ ވިޔަފާރަވެރިން ކުރިއަށް ނެރެގެންކަން ފާހަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވި މި ރަސްމިއްޔާތަކީ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޮރ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އޯ.އެޗް.އާރް.އެލް.އެލް.އެސް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.