ދިއްލީގެ ޝާމްލީގައި އުމުރުން 25 އަހަރުގެ އަންހެނަކު އޮންލައިންކޮށް ހޯދި 16 އަހަރުގެ ލޯބިވެރިއެއްގެ ގެ އަށް ގަދަކަމުން ވަދެ، ކައިވެނި ނުކޮށް ގެއިން ނިކުންނަން އިންކާރު ކުރަމުންދާތީވެ އެކަން އިންޑިޔާގެ މީޑިޔާތަކުގެ ސަމާލުކަން ހޯދައިފިއެވެ.

ފިރިހެން ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި އަންހެން މީހާ އެގޭގައި އުޅާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި އަންހެން މީހާ އެގެއިން ދާން އަންގައިފިނަމަ އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު ދިނުމުން ފިރިހެން ކުއްޖާގެ އާއިލާއަށް ވަނީ ހިތާމަވެރި ހާލަތެއް ކުރިމަތިވެފައެވެ.

"ދަރިފުޅަކީ ތައުލީމު ހާސިލްކޮށްފައިވާ ކުއްޖެއް ނޫން. މަސައްކަތް ކުރާ ކުއްޖެއްވެސް ނޫން. ސޯޝަލް މީޑިއާގައި އެ އަންހެން މީހާއާ ރައްޓެހިވެގެން މިހާރު އޭނާ މިތަނުގައި މަޑުކުރަނީ، އަހަރެމެން އެ އަންހެން މީހާ ބޭރުކޮށްލައިފިނަމަ އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރުދޭ" ފިރިހެން ކުއްޖާގެ ބައްޕަ މާޔޫސްކަން ފާޅުކުރަމުން ބުންޏެވެ.

ހައްލެއް ހޯދުމަށް މާޔޫސްވެފައި ވަނިކޮށް އާއިލާއިން އެންމެ ފުރަތަމަ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެކަން ހައްލު ނުވުމުން ޝާމްލީ ޑިސްޓްރިކްޓް މެޖިސްޓްރޭޓްގެ އެހީތެރިކަން ހޯދަން ޖެހުނެވެ.

އަންހެން މީހާ އަނބުރާ އާއިލާ ކައިރިއަށް ފޮނުވަން ފުލުހުން މަސައްކަތް ކުރި ނަމަވެސް އާއިލާއިން އޭނާ ބޭނުން ނުވާކަމަށް އަންހެންމީހާއާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

އެސްއެޗްއޯ ވިރެންދުރަ ކުމާރު ސިފަކުރެއްވި ގޮތުގައި ހާލަތު ވަރަށް އާދަޔާ ހިލާފު ކަމަށާއި އަންހެނުންގެ ވެލްފެއާ ވިންގާ ހަވާލުކުރި ނަމަވެސް އަންހެން މީހާ ތަކުރާރުކޮށް އެނބުރި ފިރިހެން ކުއްޖާގެ ގެއަށް ދިޔަ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ އަންހެން މީހާ މީހުން ބަލަހައްޓާ ތަނަކަށް ފޮނުވާނެ ކަމުގެ އިޝާރާތެއްވެސް ދީފައެވެ.