ސިންގަޕޯގެ މަތިންދާބޯޓެއް ކަމުގައިވާ ބޮއިންގް 777-300 ހާލުގައި ޖެހިގެން މެލޭޝިއާއަށް ޖެއްސިތާ ފަސް ދުވަސް ފަހުން އެނބުރި ސިންގަޕޯގައި ޖައްސައިފިއެވެ.
ފާއިތުވެ ދިޔަ ހަފްތާގެ އަންގާރަ ދުވަހު ލަންޑަނުން ސިންގަޕޯއަށް ދަތުރުކުރަމުން ދިޔަ މަތިންދާބޯޓު ވަރުގަދަ ކޮޅިގަނޑަކާ ކުރިމަތިވުމާއެކު ވަނީ ކުއްލި ހާލަތުގައި މެލޭޝިއާގެ ބެންގްކޮކްއަށް ޖައްސަން ޖެހިފައެވެ. މިޔަންމާގެ މަތިން ދަތުރު ކުރަނިކޮށް ބޯޓު ކުރިމަތިލާން ޖެހުނު ވަރުގަދަ ކޮޅިގަނޑުގެ ސަބަބުން ބޯޓުގައި ދަތުރު ކުރަމުން ދިޔަ ފަސިންޖަރުންނަށް ވަނީ އެކިއެކި އަނިޔާ ލިބިފައެވެ.
211 ފަސިންޖަރުންނާއި 18 ކްރޫއާއިއެކު ދަތުރު ކުރަމުން ދިޔަ ބޯޓަށް ދިމާވި ވަރުގަދަ ކޮޅިގަނޑުގެ ސަބަބުން 73 އަހަރުގެ އިނގިރޭސި ވިލާތުގެ ފިރިހެނެއް ވަނީ ނިޔާވެފައެވެ. ލަފާ ކުރެވޭ ގޮތުގައި މި ފިރިހެން މީހާ މަރުވީ ހާޓް އެޓޭކެއްގެ ސަބަބުންނެވެ. މީގެ އިތުރުން އެ ބޯޓުގައި ތިބި 40 ފަސިންޖަރުންނަށާއި އެއް ކްރޫ މެމްބަރަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ދެމުން ގެންދާ ހޮސްޕިޓަލް ކަމުގައިގާ ސަމިޓިވެޖް ސްރިނަކަރިން ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި ފަރުވާ ދެމުން ދާ މީހުންގެ ތެރެއިން ފަސް މީހަކު އޮތީ އައިސީޔޫގައި ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި ހާލުގައި ޖެހުނު މަތިންދާބޯޓު ސިންގަޕޯއަށް ގެންގޮސްފައިވާއިރު ކަމާ ބެހޭ ފަރާތްތަކުން އަންނަނީ މިކަން ތަހުގީގު ކުރަމުންނެވެ. ހާލުގައި ޖެހުނު ބޯޓުގެ އެއާލައިނުން ކަމުގައިވާ ސިންގަޕޯ އިންޓަނޭޝަނަލް އެއާލައިނުން ހަބަރު ދޭ ގޮތުގައި އެ އެއާލައިނުން އަންނަނީ މި މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.