ދާދި ފަހުން ސިންގަޕޯގެ އެއާލައިނުގެ މަތިންދާބޯޓެއް ކަމުގައިވާ ބޮއިންގް 777-300 އަށް ދިމާވި ހާދިސާއާ ގުޅިގެން އެ އެއާލައިނުގެ ގޮނޑީ ކަމަރާ ބެހޭ ގަވާއިދުތައް ބަދަލުކޮށްފިއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ލަންޑަނުން ސިންގަޕޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓު SQ321 އަށް ދިމާވި ކޮޅިގަނޑެއްގައި ވަނީ ކުއްލި ހާލަތުގައި ތައިލެންޑުގެ ބެންގްކޮކްގެ އެއާޕޯޓަކަށް ޖައްސަން ޖެހިފައެވެ. މިޔަންމާ މަތިން ދަތުރުކުރަމުން ދިޔަ ބޯޓަށް ދިމާވި ކޮޅިގަނޑުގެ ވަރުގަދަ ކަމުން ފަސިންޖަރުން ވަނީ ބޯޓުގެ އެކި ބިތްތަކުގައި ޖެހި އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހާދިސާގައި 73 އަހަރުގެ ފިރިހެނެއް ނިޔާވެފައިވާ އިރު 5 ފަސިންޖަރުންނަށް އަންނަނީ އައިސީޔޫގައި ފަރުވާދެވެމުންނެވެ.
ދިމާވި ހިތާމަވެރި ހާދިސާއަށް ފަހު ސިންގަޕޯ އެއާލައިނުން ވަނީ މިކަހަލަ އިތުރު ހާދިސާއަކަށް ތައްޔާރުވުމަށް އެ އެއާލައިނުގެ ބޯޓުތަކުގައި ގޮނޑީ ކަމަރު އެޅުމުގެ ގަވާއިދަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ މީގެ ފަހުން ގޮނޑީ ކަމަރު އަޅަން ޖެހޭ ވަގުތު ތަކުގައި ހޫނު ބުއިންތައް ފަސިންޖަރުންނަށް ދިނުން މަނާ ކުރުމެވެ.
އަންގާރަ ދުވަހު ދިމާވި ހާދިސާއަށް ފަހު ރޫޓް SQ321 ގައި ވަނީ ދެ ފްލައިޓެއް ދަތުރުކޮށްފައެވެ. ނަމަވެސް އެ ހާދިސާ ދިމާވި ސަރަހައްދު ކަމުގައިވާ މިޔަންމާ މަތިން ދަތުރުކުރުމުގެ ބަދަލުގައި އެ ފްލައިޓުތައް ދަތުރުކޮށްފައިވަނީ ބެންގަލް ބޭ އާއި އަންޑަމަން ކަނޑުގެ މަތިންނެވެ.
ސިންގަޕޯ އެއާލައިނުން ވަނީ ކުރިއަށް އޮތް ތަނުގައި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު އަހައްމިއްޔަތުކަމެއް ދީގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.