ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އދ. އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އދ ން ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމާ، ބައިނަލްއަގްވާމީ މުޖްތަމައާ ރާއްޖެއާ އޮތް ގާތްކަމާ އިތުބާރު ދެމެހެއްޓުމުގައި އދ އަދާކޮށްދޭ ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަމާއި، މި މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ އދ ގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާކުރުމަށާ، ރާއްޖެއަށް އދ ން ވެދޭ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ އުންމީދު ދެ ބޭފުޅުންވެސް އައުކުރައްވަމުންނެވެ.