ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޕައުއާ ނިއުގިނީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ޖޭމްސް މަރާޕޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، މިދިޔަ ހުކުރު ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެގައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުން ހަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރެއްވިއެވެ. އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތަށް ގެންނަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އެ މަނިކުފާނުގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، ޕަޕުއާ ނިއުގިނީގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި، އެކުވެރި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ގައުމެއްގެ ގޮތުން، ދިވެހި ރައްޔިތުން ޕަޕުއާ ނިއުގިނީގެ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވާކަން ހާމަކޮށްފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މީހުން ސަލާމަތް ކުރުމުގައި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުސަތެއްގައި ނިމުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވައި، ފުރާނަ ގެއްލުން ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުން އެދިވަޑައިގަންނަވަމުންނެވެ.