‎ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުހައްމަދު މުއިއްޒު، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ރިޔާސަތު ބަލަހައްޓަވައިދެއްވައިފިއެވެ.

‎މިކޮންފަރެންސްގެ އެއް ނައިބު ރައީސްގެ ހައިސިއްޔަތުން، ރައީސް ބެލެހެއްޓެވީ މިއަދު މެންދުރު ކުރިއަށްދިޔަ ޕްލެނަރީ ސެޝަންގެ ރިޔާސަތެވެ.

‎"ޗާރޓިންގ ދި ކޯސް ޓުވަރޑްސް ރެޒިލިއެންޓް ޕްރޮސްޕެރިޓީ" ގެ ތީމްގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގައި މަޢުލޫމާތު މުއްސަނދި ބަހުސްތަކާއިއެކު، ސިޑްސްއާ ގުޅޭ ބިނާކުރަނިވި ހައްލުތައް ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

‎އެމަނިކުފާނު ވަނީ އިއްޔެ ހެނދުނު ކުރިއަށް ދިޔަ، މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގެ ޕްލެނަރީގައި ރައީސް ވަނީ ސިޑްސްގެ ގައުމުތަކުން އިސްނަގައި، ކުދި ޖަޒީރާ ގައުމުތަކަކީ އުފެއްދުންތެރިކަމާއި ވިލުންތެރިކަމުގެ މިސާލެއްގެ ގޮތުގައި ދައްކަންޖެހޭ ކަމުގައި ވިދާޅުވެފައެވެ.

‎މި މަހާސިންތާގެ ހަވާސާގައި ރައީސް ގެންދަވަނީ މަހާސިންތާއަށް ހާޒިރުވެވަޑައިގެން އުޅުއްވާ ގިނަ އަދަދެއްގެ އިއްޒަތްތެރީންނާއި ބައްދަލުކުރައްވާ، ސިޑްސްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަދި ދިވެހިރާއްޖެއަށް މުހިންމު އެކި ދާއިރާތަކަށް އިސްކަންދެއްވައިގެން މަޝްވަރާތައް ކުރައްވަމުންނެވެ.