ރަފަޙްގައި ފޭލިގެތައް ޖަހާފައިހުރި ކޭމްޕަށް އިސްރާއީލުގެ ފައުޖުން ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ޖިނާޢީ ކޯޓުގެ ހުކުމަށް އިސްރާއީލުން އަމަލުކުރަން ޖެހޭނެ ކަމަށާއި އެއްވެސް ޤައުމެއް ބައިނަލްއަގުވާމީ ގޮތުން ހަދާފައިވާ ޤާނޫނުތަކަށްވުރެ މަތި ނުވާނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރާއި ދިވެހިންގެ ނަމުގައި ގޮވާލައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށް ގޮވާލައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޣައްޒާއަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ 40 އަށްވުރެ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މި ހަމަލާތަކުގައި ރަފަޙުގައި ރެފިއުޖީންގެ ފޭލިގެތަކެއް ޖަހާފައިވާ ސަރަޙައްދަށް ދިން ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އެ ސަރަހައްދަކީ "ސޭފް ޒޯން" އެއްކަމަށް އިސްރާއީލުން ދައްކަމުންދިޔަ ސަރަހައްދެކެވެ.