މަޖިލީހުގެ އަބުރާއި ކަރާމާތް ދެމެހެއްޓުމަކީ ވިހި ވަނަ މަޖިލީހުގައި އަދާކުރާނެ މުހިއްމު މަސްއޫލިއްޔަތެއްކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތާ ފުރަތަަމަ ފަހަރަށް ވަޑައިގެން މެމްބަރުންނާ މުހާތަބުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ގާނޫނުގެ ވެރިކަން ނަގަހައްޓައި، ޝަރުއިީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، މަޖިލީހުގެ އަބުރާ ކަރާމާތް ހިފަހެއްޓުމަކީ 20 ވަނަ މަޖިލީހުން އަދާކުރާނެ މުހިންމު މަސްއޫލިއްޔަތުތަކެއްކަމަށެވެ. މީގެއިތުރުން ގައުމީ ބަހުސްތަށް ހިނގާނެ އެންމެ އުސް އަދި އެންމެ އިސް ތަނަކީ ވެސް މަޖިލީސް ކަމަށެވެ.

އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހަކީ ތަފާތު އެކި އެކި ބަހުސްތަށް ކުރެވޭނެ ތަނެއް ކަމަށެވެ. އަދި އެކި އެކި ނަޒަރިއްޔާތަކުން ކަންކަމާ މެދު މަޝްވަރާ އާއި ބަހުސްކޮށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިޔުމުގައި މި މަޖިލިސް ވަރުބަލިވުމެއް ނެތި ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް މިހުރިހާ ކަމެއްވެސް ކުރެވޭނީ ވަކި އުސޫލު ތަކެއްގެ ދަށުން މަޖިލީހުގެ އަބުރާ ކަރާމާތް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށެވެ.