ރާއްޖެ ބޮއިކޮޓްކޮށްގެން ތިބި، އިންޑިޔާގެ އޮންލައިން ޓްރެވަލް އެގްރިގޭޓަރު "އީޒްމައިޓްރިޕް" އިން ރާއްޖެއަށް އަލުން ފްލައިޓް ބުކިން އާއި ހޮޓެލް ބުކިންތައް އަލުން ފަށައިފިއެވެ.

ބުކިންތަށް އަލުން ފަށާފައި މިވަނީ މިދިޔަ ޖެނުއަރީ މަހު އިންޑިއާ-ރާއްޖެ އާ ދެމެދު އޮތް ގުޅުން ހީނަރުވުމާ ގުޅިގެން އިންޑިއާ ސަރުކާރަށް ތާއީދުކުރުމުގެ ގޮތުން މެދުކަނޑާލުމަށް ފަހުއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އިންޑިއާ ރައްޔިތުންމެދު ނުރުހުން އުފެދެމުން ދާއިރު، އޮންލައިން ޕްލެޓްފޯމުން ލިބެން ހުރި ބުކިން އޮޕްޝަންތަކުގެ ސްކްރީންޝޮޓްތައް ވެސް އެމީހުން ދަނީ ހިއްސާކުރަމުންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އޮންލައިން ޓްރެވަލް ކުންފުނިން ވަނީ ރާއްޖެއަށް ކުރާ ފްލައިޓް ބުކިންތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފައެވެ. މިގޮތަށް ނިންމީ މިހާރު ސަސްޕެންޑްކޮށްފައިވާ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުތަކަކާ ގުޅިގެންނެވެ. މި ޕޯސްޓުތަކުގެ ސަބަބުން ރާއްޖެއާ އިންޑިއާ މެދުގައި ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.

މިދިޔަ ހުކުރު ދުވަހު އީޒްމައިޓްރިޕްއިން ރިޕޯޓުކޮއްފައިވާގޮތުގައި މާޗް ކުއާޓަރުގައި 1.8 މިލިއަން ޑޮލަރުގެ ކޮންސޮލިޑޭޓެޑް ގެއްލުމެއް ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ފައިދާއަކީ ޓެކްސްއަށް ފަހު 3.7 މިލިއަން ޑޮލަރެވެ. ރެގިއުލޭޓަރީ ފައިލިންގައިވާ ގޮތުން މާޗް މަހު ނިމުނު މުޅި މާލީ އަހަރަށް އެ ކުންފުންޏަށް ޓެކްސް އަށް ފަހު ފައިދާ ގެ ގޮތުގައި 12.4 މިލިއަން ޑޮލަރު ލިބިފައިވާ އިރު، މިއީ އޭގެ ކުރީ އަހަރު ލިބުނު 16.1 މިލިއަން ޑޮލަރަށް ވުރެ ދަށް އަދަދެކެވެ.