ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ނޭޕާލުގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

އެގައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ފުޝްޕަ ކަމަލް ދަހަލްއަށް ރައީސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސްގެ އަމިއްލަ ނަންފުޅުގައި، ނޭޕާލު ސަރުކާރަށާއި ރައްޔިތުންނަށް ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖެއާއި ނޭޕާލާއި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްގައުމުން އަނެއް ގައުމަށް ކުރާ އިޙްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވަނީ ކުރިޔަށް އޮތް އަހަރުތަކަކީ ނޭޕާލުގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް އެދިވަޑައިގެންފައެވެ.