ކުރިއަރާފައިވާ ޑިޖިޓަލް ޒަމާނަކަށް ސިޑްސް ތައްޔާރުވަމުންދާއިރު ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން ލިބެންހުރި ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ "ސްމާޓް މޯލްޑިވްސް: ޖަރނީ ޓުވަރޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ" ގައި އިއްޔެ ތަގުރީރުކުރައްވަމުންނެވެ. މިއީ ސިޑްސް4ގެ ސައިޑް އިވެންޓެކެވެ.

މި އިވެންޓް އިންތިޒާމުކުރީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުގައި ދިވެހިރާއްޖެއިން މިހާރު ދަނީ ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރައްވައި މި ބަދަލުގެނައުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއި އެކުގައި މަސައްކަތްކުރުމާއިއެކު، އިތުރު އިންވެސްޓްމަންޓް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސްވަނީ ދިވެހިރާއްޖެއިން މަސައްކަތްކުރަނީ އައު އީޖާދުތަކާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށްދިއުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭގޮތަށް ރާއްޖޭގައި ހަރުދަނާ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލައި ތަންފީޒުކުރުމަށް ރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ސްޓޭންޑަރޑްތައް ހަމަޖެއްސުމަށް ކުރިޔަށްގެންދާ މަޝްވަރާތަކުގައި ފުރުސަތު ލިބުމާ އަދި ޑިޖިޓަލް އިކޮނޮމީއެއް ބައްޓަންކުރުމަށް ހަމަހަމަ ފުރުސަތު ލިބުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ހުއްޓުމެއްނެތި އަންނަނީ އަރޓިފިޝަލް އިންޓަލިޖެންސް އަދި ބިގް ޑާޓާގެ ޒަމާނަށް ފެތޭގޮތަށް ޑިޖިޓަލް ސިޓިޒަން ބިނާކުރުމަށް މަސައްކަތްކުރަމުންކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ދިވެހިރައްޔިތުންގެ މަންފާއަށްޓަކައި އައު ޑިޖިޓަލް ހިދުމަތްތައްވެސް ތައާރުފުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ކުރިމަތިވަމުންދާ ހުރަސްތަކާއެކު ވެސް ހުއްޓުމެއްނެތި މަސައްކަތްކޮށް ވިލުންތެރިކަން އިތުރުކޮށް ރާއްޖެއަށް ނަތީޖާ ނެރެވިދާނެކަމާއި އަދި އެ ދަތިތައް ހުރަސްކުރެވިދާނެކަން ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަކޮށްދެއްވާފައެވެ.

އެގޮތުން އުނދަގޫ އޮއިވަރުތަކާއި އަދި ލިބިފައިވާ ވަސީލަތްތަކުގެ މަދުކަމާއި އަދި ދާންވީ ދިމާ ސާފުނުވާ ހާލަތްތަކާވެސް ކުރިމަތިލައި ވިލުންތެރިކަން އިތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުއްޓުމެއްނެތް އޮއިވަރާ މި ކުދިކުދިރަށްތަކުން ކުރިމަތިލާގޮތަށް، އަމިއްލައަށް ކަނޑައަޅާފައިވާ އިންތައް ފަހަނައާ ކުރިޔަށްދާންޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.