ދެމެހެއްޓިނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ކުދިޖަޒީރާ ގައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ސުވާލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގެ އިންޓެރެކްޓިވް ޑައިލޮގް ރިވިޓަލައިޒިން ސިޑްސް އިކޮނޮމީސް ފޯރ އެކްސިލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގުރޯތުގައި ކޯޗެއަރގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ބޭރުން އަންނަ ޝޮކްތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި އެކަށީގެންވާ މިންވަރަށް ފައިނޭންސް ނުލިބުމާއި ދެމެހެއްޓެނިވި ނޫން ދަރަނި ފަދަ ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި ގޮންޖެހުންތަކާ އުނދަގޫ ތަކުގެ ތެރޭގައި ވެސް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ވިލުންތެރިކަމާއެކު ކުރިޔަށްދާތީ އެމަނިކުފާނު އެކަމަށް ތައުރީފުކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް19ގެ އާލަމީ ބަލިމަޑުކަމަކީ ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުގެ އިގުތިސާދުތަކުގެ ނާޒުކުކަމާއި ބޭރުން އަންނަ ޝޮކްތަކުން ނުރައްކަލަށް ހުށަހެޅިގެންދާ މިންވަރު ހަނދާން އައުކޮށްދޭ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މެދުފަންތީގެ އާމްދަނީ ލިބޭ ދަރަޖައަށް ވާސިލުވުމާ އަދި އެއަށްވުރެ ކުރިޔަށްދިއުމުގައި ސިޑްސްއިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތްތައް އިތުރުކުރަން ޖެހޭކަމަށާއި. ދައުލަތުގެ ގާބިލުކަމާއި އުފެއްދުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި އިންސާނީ ވަސީލަތް ތަރައްގީކުރުމާއި އެހެން ވަސީލަތްތަކުގެ ބޭނުން ހިފުމަކީވެސް އެހާމެ މުހިންމުކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކާރިސާތަކަށް ތައްޔާރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތަޖުރިބާއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ވަސީލަތް ތަރައްގީކުރުމާއި ޕާޓްނަރޝިޕާއި ކަންކަމަށް ވަކާލާތުކުރުން އަދި ސްޓްރެޓެޖިކް ޕްލޭނިންގ ގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފަނުގެ ވާހަކަފުޅުގައި، މާލީ އެހީއަކީ ސިޑްސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި، ތަރައްގީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަމަށާއި އަދި އެގޮތަށް ކުދިޖަޒީރާ ގައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯޗެއަރގެ ހައިސިއްޔަތުން އިންޓެރެކްޓިވް ޑައިލޮގްގެ ރިޔާސަތު ބެލެހެއްޓެވުމުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނާއެކު ކޯޗެއަރގެ ހައިސިއްޔަތުން ރިޔާސަތު ބެލެހެއްޓެވުމުގައި ދެން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫރަޕިއަން އެފެއަރސް އެންޑް އޯނަރޝިޕް ޝެއަރރިންގ އޮފް ދަ ރިޕަބްލިކް އޮފް ފިންލޭންޑް، އެންޑަރސް އެޑްލަކްރޮއިޓްޒް އެވެ.

މިއީ 27 އިން 30 މެއި 2024 އަށް އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ސިޑްސް4 ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގްގެ ތެރެއިން ފުރަތަމަ ޑައިލޮގެވެ.