ރާއްޖެއާއި އިންޑިއާއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް (އައިއޭޓީއޯ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ސްޓްރެޓެޖިކް ޕާޓްނަރޝިޕްގެ މަޤްޞަދަކީ، ޓްރެވަލް އިންޑަސްޓްރީގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ދެ ގައުމުގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.

މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަގު ފަހިވެގެންދާއިރު، މި އެއްބަސްވުމުގެ ދަށުން ދެ ޖަމްޢިއްޔާގެ ހަރުދަނާކަމާއި ނެޓްވޯކްތަކުގެ ބޭނުން ހިފޭނެއެވެ. މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ޖޮއިންޓް މާކެޓިން އިނީޝިއޭޓިވްސް މެދުވެރިކޮށް ބައިލެޓަރަލް ޓޫރިޒަމް ކުރިއެރުވުމާއި ބެސްޓް ޕްރެކްޓިސްތައް ހިއްސާކުރުމާއި ޖޮއިންޓް އިވެންޓްތައް ބޭއްވުމާއި ދެމެހެއްޓެނިވި ޓޫރިޒަމް ޕްރެކްޓިސްތަކަށް ވަކާލާތު ކުރުން ހިމެނެއެވެ.

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވާރާއެކު ބޭއްވެވި މުހިންމު ބައްދަލުވުމުގައި، ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. 9 އޭޕްރީލް 2024 އިން ފެށިގެން ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރާ މަސައްކަތްތަކާއި، ޚާއްޞަކޮށް ބޮޑު ރޯޑްޝޯއެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މުމްބާއީ، ނިއު ދިއްލީ އަދި ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރޯޑްޝޯގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގެ މާކެޓަށް ދައްކާލުމެވެ. މި ބައްދަލުކުވުމުގައި، ތަފްޞީލީ ރޭވުންތެރިކަމާއި، ސްޓޭކްހޯލްޑަރގެ އެހީތެރިކަމާއި، ސަޤާފީ މުޢާމަލާތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ކުރިއެރުވުމަށް ހާއްސަކޮށްފައިވާ މަޓާޓޯ އާއި އިންޑިއާގައި 1800 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ތަމްސީލުކުރާ އައިއޭޓީއޯ އިން މި ޕާޓްނާޝިޕްގެ ބޭނުން ހިފައި ފަތުރުވެރިކަމުގެ ތަޖުރިބާ މަތިކޮށް ދެ ގައުމުގެ ސަގާފީ ގުޅުން ބަދަހި ކުރުމަށް ވަނީ ތައްޔާރުވެފައެވެ.