ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ދުނިޔެ ހޫނުވުމުގެ ސަބަބުން ސިއްހީ ބޮޑެތި ކާރިސާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ޚަލީލްު 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތަގުރީރުގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޚަލީލް ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރަށްގިރުމާއި މުރަކަ ހުދުވުންފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް ނޭދެވޭ އަސަރުކުރަމުންދާކަން ވިދާޅުވިއެވެ. މީގެ ސަބަބުން، ބަލިތައް ފެތުރުން އިތުރުވެ، ޞިއްޙީ ނިޒާމުތަކާއި، މުޖުތަމަޢުގެ ރެޒިލިއަންސަށް ގޮންޖެހުންތައް ކުރިމަތިކުރުވާކަމަށް މިނިސްޓަރު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ މި ބަދަލުތަކަކީ ހަމައެކަނި އިގްތިސާދީ ގޮންޖެހުންތަކުގެ އިތުރުން ސިއްހީ ބޮޑެތި މައްސަލަތަކެއް ކަމަށެވެ. އަދި ތިމާވެއްޓަށް އަންނަ މި ބަދަލުތަކުގެ ސަބަބުން މުޖުތަމައުއަށް ލިބޭ ގެއްލުންކުޑަކުރުމަށް ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

ސިއްހަތު ކުރިއެރުވުމާއި ޑިޖިޓަލް ހެލްތު ސޮލިއުޝަންތަކުގެ ބޭނުން ހިފައިގެން ޕްރައިމަރީ ހެލްތް ކެއާއަކީ މި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި މިހިންމު ވަސީލަތެއްކަމަށްވެސް މިނުސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޚަލީލް ދެއްކެވި ވިދާޅުވީ ޤައުމުތަކަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ޙައްލުކުރުމަށް ޓަކައި މާލީ އެހީތެރިކަން ބޭނުންވާކަމަށެވެ.

މީގެ އިތުރުން ޣައްޒާގައި މުސްލިމުންނަށް ދެމުންގެންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައްވައި، ޞިއްޙީ ޚިދުމަތަކީ އިންސާނީ އަސާސީ ޙައްޤެއްކަން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޚަލީލް ވިދާޅުވީ، ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ލުޔެއް ހޯދައިދީ، ސުލްހަވެރި ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ހުރިހާ ގައުމަކަށް އިލްތިމާސްކުރައްވާކަމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތްކުރަންޖެހޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކޮށް، ޢަދުލުއިންޞާފާއި، އެންމެހާ ރައްޔިތުންގެ ޙިމާޔަތަށްކަމަށްވެސް މިނިސަޓްރު ފާހަގަކުރެއްވިއެވެ.