ފުލުހުންގެ ފަރާތުން ވ.ރަކީދޫގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފުލުހުން ވަނީ ވ.ރަކީދޫގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގައި ފުލުހުން ވަނީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާ, ފުލުހުންގެ ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައެވެ.

މި ބައްދަލުވުންތަކުގައި ފުލުހުން ވަނީ އާއްމު ރައްޔިތުންގެ ސަލާމަތަށް ޓަކައި އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައެވެ. ފުލުހުން ވަނީ މަގުމަތީގެ ސަލާމަތަށް ޓަކައި ހަދާފައިވާ ގާނޫނުތަކަށް ބޯލަނބާ, ރަށުގައި ހިނގާ އެކިއެކި ކުށްތަކުން ދުރުހެލިވާން ނަސޭހަތްތެރިވެފައެވެ.

ވ.ރަކީދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ރަށުގެ އާއްމުންގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މި ހަރަކާތަކީ އާއްމު ރައްޔިތުން ކުށުގެ ވެށިން ސަލާމަތްކޮށް, ކުށުން ރައްކާތެރިވުމަށް ހޭލުންތެރި ކުރުމުގެ ގޮތުން ފުލުހުން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ.