ފަލަސްތީނަށް ދިމާވެފައިވާ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން ދެ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަން ނިންމައިފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހިތްދަތި ހާލަތާ ގުޅިގެން މިއަދުން ފެށިގެން މަޣްރިބް ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް އިމާމުންނަށް އަންގަވާނެ ކަމަށެވެ. އަދި މުސްލިމުންނަކީ އެއް ހަށިގަނޑެއްކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މިވަގުތަކީ އިހްލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތުކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤުނޫތު ނާޒިލާއަކީ މުސީބާތެއް ކުރިމަތިވާ ދަނޑިވަޅުގައި އެ މުސީބާތަކުން އަރައިގަތުމަށްކިޔޭ ޚާއްސަ ޤުނޫތެކެވެ. މީގެ ކުރިންވެސް ފަލަސްތީނުގެ ޙާލަތާ ގުޅިގެން ޤުނޫތު ނާޒިލާ ކިޔާފައިވެއެވެ.

އިސްރާޢީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ފަލަސްޠީނަށް ދެމުންދާ ޙަމަލާތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ ވަރުގަދަ ކުރަމުންނެވެ. ދާދި ފަހުން އިޒްރާއީލުން ވަނީ ރަފަހްގައި ރެފިއުޖީން ތިބޭ ޓެންޓުތަކަށް ވެސް ވައިގެ ހަމަލާތައް އަމާޒުކޮށްފައެވެ. މި ހަމަލާތަކުގައި 40 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.