ކުޅިވަރާއި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އަހްމަދް ހާފިޒް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސޯޝަލް މީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހާފިޒް ނިޔާވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައަކާއި އެކުގައި ކަމަށެވެ. ނައިބު ރައީސް ކުރެއްވި މި ޕޯސްޓު ނިންމަވާލައްވައިފައި ވަނީ ހާފިޒްއަށް ޖައްނަތުލް ފިރްދައުސް ދެއްވައި, ހާފިޒްގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގެން ދުއާ ކުރައްވަމުންނެވެ.

އަހްމަދް ހާފިޒަކީ ރާއްޖެއަށް ކުޅިވަރާއި، މަސްވެރިކަމުގެ ދާއިރާއަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މަސްވެރިކަމަށް ހާފިޒު ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތަކުގެ ސަބަބުން އަލަށް ހޯދުނު މަހަކަށް "ޕްޓެރިގޮޓްރިގްލާ ހާފިޒީ" ގެ ނަމުން ނަން ދެވިފައި ވެސް ވެއެވެ. ކުޅިވަރުގެ ދާއިރާއަށް ވެސް ލޯބިކުރާ ހާފިޒު ވަނީ ބާސްކެޓް ބޯލް އެސޯސިއޭޝަން ޗެއަރމަންކަމާއި، ކްލަބު ވެލެންސިއާގެ މެނޭޖަރ ކަން ކުރައްވާފައެވެ.

ހާފިޒު ނިޔާވެފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.