ތިލަފުށީގައި މޯލްޑިވްސް ގޭހުގެ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުންޏާއެކު އެކްސްޓަރނަލް ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ގޭހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒްއެވެ.

މޯލްޑިވްސް ގޭހުގެ އެމްޑީ އަބްދުالله ވިދާޅުވީ އެލްޕީޖީ މިހާރު ރާއްޖޭގައި ރައްކާކުރަނީ ސްޓޯރޭޖްގެ ދަތިކަމުގެ ސަބަބުން 35 ދުވަހަށް ކަމަށެވެ. ނަމަވެސް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމުން އެލްޕީޖީގެ ފަސް މަސް ދުވަހުގެ ސްޓޮކަކަށް ޖާގަ ދެވޭނެއެވެ.

ކޮންޓްރެކްޓްގައި ސޮއިކުރާތާ 9-6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށާއި ދެން ރާއްޖެއިން ބޭރުގައި ހަނގުރާމައެއް ކުރިޔަސް ގޭސް ލިބުމުގައި އެއްވެސް ގޮންޖެހުމެއް ނާންނާނެ ކަމަށް އެމްޑީ އަބްދުالله ވިދާޅުވިއެވެ.

މޯލްޑިވްސް ގޭހުން ދަނީ ހުޅުމާލޭގައި އިތުރު ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.