ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހިނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހީނާ ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ދިވެހިރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސް ވަކާލާތު ކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި ރައީސް ވަކާލާތުކުރައްވާފައިވާކަން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގެ ހަވާސާގައި ބައްދަލުކުރެއްވި ބައެއް ޤަގައުމުތަކުގެ އިސްވެރިންނާއި ލީޑަރުންނާއެކު ކުރެއްވި މަޝްވަރާތަކަށްވެސް މި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން އަލިއަޅުވާލެއްވިއެވެ.
މީގެ އިތުރުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ޖަވާބުދެއްވިއެވެ.