ދިވެހިދައުލަތަށް 33 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ، އަހުމަދު ހާފިޒް އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މީސްމީޑިޔާ މެދުވެރިކުރައްވައި ރައީސް ތައުޒިޔާ ވިދާޅުވެ ހިއްސާކުރެއްވި މެސެޖުގައި އަހުމަދު ހާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމް، ޕީއެންސީއަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ހާއްސަކޮށް ރާއްޖޭގެ ކުޅިވަރަށް އަގުނުކުރެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.

މަރްހޫމް އަހުމަދު ހާފިޒް ދައުލަތަށް ހިދުމަތްކުރައްވަން ފެށްޓެވީ 30 މެއި 1981ގައި، ފިޝަރީޒް ޑިވިޒަންގެ އެސިސްޓެންޓް ސްޓެޓީޝަންގެ މަގާމުންނެވެ. ޖުމްލަ 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައި ވާއިރު އެމަނިކުފާނު ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރިކްރިއޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމާއި އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މަތީފަންތީގެ އެކި މަގާމުތައް ފުރުއްވާފައެވެ.

މީގެ އިތުރުން މަސްވެރިކަމަށް ހިދުމަތް ކުރުމުގެ ރޮނގުން 1991 ވަނަ އަހަރު ޢާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު މަރްހޫމް އަހުމަދު ހާފިޒަށް ލިބިވަޑައިގެންފައިވެއެވެ. މަރުހޫމް އަހުމަދު ހާފިޒް ފަސްދާނުލުން އޮންނާނީ، މިރޭގެ އިޝާ ނަމާދަށް ފަހު، މަސްޖިދު ޒައިދު ބިން ޘާބިތު، 'ހުޅުމާލެ ސަހަރާ މިސްކިތު'ގައެވެ.