މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޗައިނާގެ ޓޫރިސްޓުންނަށް ފައިސާ ދެއްކަން ފަސޭހަކުރުމުގެ ގޮތުން ޗައިނާގެ ވީޗެޓް ޕޭއާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައިޓީބީ ޗައިނާ 2024 ގައި ރަސްމީކޮށް އެކުލަވާލާފައިވާ މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މައި މާކެޓެއްގެ ގޮތުގައި ޗައިނާގެ މުހިންމުކަން ދައްކުވައިދޭ އިރު، 27 މެއި 2024 ގެ ނިޔަލަށް ޗައިނާގެ 98،908 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދާއި ވެއިކްސިން ޕޭގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު އެޓިއެން އެންޖީއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރައާއި މަޝްހޫރު ރެސްޓޯރެންޓްތަކާއި އެކި ރިސޯޓުތަކުގައި ވީޗެޓް ޕޭ މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ. އެމްއެމްޕީއާރުސީގެ އަމާޒަކީ ވީޗެޓް ޕޭގެ އިންޓަގްރޭޝަން ފުޅާކޮށް މުޅި ރާއްޖެއިން 8،000 މާޗަންޓުން ހިމެނުމެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކުން ވީޗެޓް ޕޭ ލިބެން ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑިއުޓީ ފްރީ ޝޮޕިން އިންނެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް ކިއުއާރް ޕޭމަންޓް ބަލައިގަތުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. މީގެ ކުރިން މި ހިދުމެތް ބޭނުންކުރެވެނީ ބީއެމްއެލް ގޭޓްވޭއަށް އެކަނިއެވެ.

އަލީޕޭއާއެކު ވީޗެޓް ޕޭ އަކީ ޗައިނާގެ މޮބައިލް ޕޭމަންޓް މާކެޓުގައި ބާރުގަދަ ޚިދުމަތެކެވެ. ޗައިނާގެ %90 މުއާމަލާތްތަށް ކުރަނީ މި ދެ ޚިދުމަތުގެ އެހީގައެވެ. މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންނަށް ފައިސާ ދެއްކުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ފަސޭހަވެ، އެ ފަތުރުވެރިން ރާއްޖެއަށް ކުރާ ދަތުރުތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެމްއެމްޕީއާރުސީން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުން ދައްކުވައިދެނީ ފަތުރުވެރިންގެ ޖުމްލަ ތަޖުރިބާ އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާއަތަށް މަގުބޫލު އަދި އިތުބާރު ކުރެވޭ ޕޭމަންޓް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެވެ.