ޕަބްލިކް ވަރކްސް ނުވަތަ ޢާންމު މަސައްކަތްތަކުގެ ގިނަ މަސައްކަތްތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަންޖެހުމުން ޚަރަދުތައް ބޮޑުވެފައިވާކަމަށް ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިދާރީ ދާއިރާތަކުގެ ޢާންމު މަސައްކަތްތައް ހަރުދަނާކުރުމާބެހޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޝަފީޤް ވަނީ މުޖުތަމަޢަށް ހިތްފަސޭހަ، ޞުލްޙަވެރި މާޙައުލެއް ޤާއިމުކުރުމުގައި ޢާންމު މަސައްކަތްތެރިންގެ ދައުރު ވަރަށް މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް، ބޯހިޔާވަހިކަމުގެ ވަސީލަތްތަކާއި، މުޖުތަމަޢަށް ދުޅަހެޔޮ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް ޓަކައި، ޢާންމު މަސައްކަތްތަކުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޑރ. ޝަފީޤް ވަނީ ޕަބްލިކް ވޯކްސް އާއި ސަރުކާރުގެ ކުންފުނިތަކުގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ކުރިއެރުވުމަށް ކުރަންޖެހޭ ޚަރަދުބޮޑުކަން ހާމަކުރައްވާފައެވެ. ބަޖެޓާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާގެ މަގްސަދުގެ ސަބަބުން ހަރަދުތައް ވަރަށް ބޮޑަށް އިތުރުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޚަރަދުތަކަކީ ސަރުކާރަށް ހުރި ހުރަސްތަކެއްކަން ފާހަގަކުރައްވައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚަރަދުކުޑަ ފިޔަވަޅުތަކުގެ ބޭނުން ހިފުމަށާއި، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޑރ. ޝަފީޤް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ޙައްޤުތަކާއި، މުޖުތަމަޢުއަށާއި، ސަރުކާރުގެ ލާބައާއި މަންފާ ހިމެނޭ ހުރިހާ ކަމެއްގައިވެސް ސަމާލުކަންދީ އަމާނާތްތެރިވުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ޕަބްލިކް ވޯކްސް ހަރުދަނާކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.