ބަޔާން މިއުނިކުން އެ ޓީމުގެ އާ ކޯޗުގެ ގޮތުގައި ބެލްޖިއަމްގެ ވިންސެންޓް ކޮމްޕެނީ ހަމަޖައްސައިފިއެވެ.
މި ދިޔަ ސީޒަނުގައި ބަޔާނުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ތޯމަސް ޓޫޗެލް, ސީޒަން ނިމުމުން އެ ކްލަބުން ވަކިވުމާއެކު ބަޔާނުން ވަނީ އޭނާގެ ބަދަލުގައި ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ އެ ކްލަބުގެ ކޯޗުގެ ގޮތުގައި ހަމަޖައްސަން ނިންމާފައެވެ.
ކޮމްޕެނީގެ ސޮއި ޔަގީން ކުރުމަށް ޓަކައި ބަޔާނުން ވަނީ 10 މިލިއަން ޕައުންޑުގެ އަދަދެއް ބާންލީއަށް ދައްކާފައެވެ. ބަޔާނުން ކޮމްޕެނީއަށް ހުށައެޅީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާ ކޮންޓްރެކްޓެކެވެ. ކޮންޓްރެކްޓުގައި ސޮއި ކުރުމަށްފަހު ކޮމްޕެނީ ވަނީ ބަޔާނަށް ކޯޗުކަން ކޮށްދިނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބުނެފައެވެ.
"ބަޔާނުގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރަން ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަހަރެން ބޭނުން ވަނީ ވީހާ ވެސް އަވަހަށް ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ފެށުމަށް. މި ޓީމުގައި ރަނގަޅު ބިންގާއެއް އެޅިއްޖެނަމަ ކާމިޔާބީއަކީ ވަރަށް ފަސޭހައިން ލިބޭނެ އެއްޗެއް" ބަޔާނަށް ސޮއި ކުރުމަށްފަހު ވާހަކަދައްކަމުން ކޮމްޕެނީ ބުންޏެވެ.
ކޮމްޕެނީއަކީ ކޯޗުކަމުގެ ދާއިރާއަށް އާ މޫނެއް ކަމުގައިވިއަސް ފުޓުބޯޅައިގައި ވަރަށް ތަޖުރިބާހުރި ފަރާތެކެވެ. ކޮމްޕެނީގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ މެންޗެސްޓާ ސިޓީއަށް ކުޅެދީ އެ ޓީމަށް ކެޕްޓަން ކަން ވެސް ކޮށްދީފައެވެ.
ކޯޗުކަމުގެ ދާއިރާގައި ދާދި ފަހުން މަސައްކަތް ކުރަން ފެށި ކޮމްޕެނީ ވަނީ 2022-2023 ވަނަ ސީޒަނުގައި އިނގިރޭސި ފުޓުބޯޅައިގެ ދެވަނަ ޑިވިޝަނުގައި ކުޅެމުން ދިޔަ ބާންލީއަށް ލީގު ހޯދައިދީ, ޕްރިމިއާ ލީގަށް އެ ޓީމު ގެންގޮސްދީފައެވެ. ނަމަވެސް މި ދިޔަ ސީޒަނުގައި ކޮމްޕެނީގެ ބާންލީ ޕްރިމިއާ ލީގުން ރެލިގޭޓުވެފައި ވާތީ, އެތައް ބަޔަކު އަންނަނީ ބަޔާނު ކަހަލަ ބޮޑު ކްލަބެއްގެ ކޯޗުކަމުގެ މަގާމު އެންމެ ފުރިހަމަ ގޮތުގައި ކޮމްޕެނީއަށް އަދާކުރެވޭނެތޯ ސުވާލު އުފައްދަމުންނެވެ.