މި އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއަށް ނެދަލޭންޑްސްއިން ނެރޭ 26 ކުޅުންތެރިންގެ ސްކޮޑު އެ ޓީމުން އިއުލާނުކޮށްފިއެވެ.

ނެދަލޭންޑްސް ވަނީ މީގެ ކުރިން 30 ކުޅުންތެރިން ހިމެނޭ ޕްރިލިމިނަރީ ސްކޮޑެއް އިއުލާނުކޮށްފައެވެ. ކޮންމެ ޓީމަކަށް ވެސް ހުއްދަ ލިބިފައިވަނީ 26 ކުޅުންތެރިންގެ ސްކޮޑެއް ކަމަށް ވާތީ ނެދަލޭންޑްސް ވަނީ 4 ކުޅުންތެރިން ސްކޮޑުން ބޭރުކޮށް, 26 ކުޅުންތެރިންނަށް ސްކޮޑު ކުޑަކޮށްފައެވެ.

ނެދަލޭންޑްސްގެ އެންމެ ފަހުގެ ސްކޮޑުން ޖާގަ ނުލިބުނު 4 ކުޅުންތެރިންނަކީ ޑޯޓްމަންޑުގެ އިއަން މާޓްސެން, ފެޔެނޯޑުގެ ކުއެންޓެން ޓިމްބާ, އެޓަލަންޓާގެ މާޓެން ޑެ ރޫން އަދި ސްޕާޓާ ރޮޓާޑޭމްގެ ގޯލްކީޕަރު ނިކް އޮލިޖްއެވެ.

ނެދަލޭންޑްސްގެ އެންމެ ފަހުގެ ސްކޮޑު އިއުލާނުކޮށްފައިވާ އިރު އިންޖަރީގެ މައްސަލަތަކާ ކުރިމަތި ލަމުންދާ ބައެއް ކުޅުންތެރިން ވެސް ވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ފްރޭންކީ ޑިޔޮންގް އާއި އެޓްލެޓިކޯ މެޑްރިޑްގެ މެމްފިސް ޑިޕާއީ ހިމެނެއެވެ.

ރޮނަލްޑް ކޯމަން ކޯޗުގެ ގޮތުގައި ހަމަޖައްސައިގެން ނިކުންނަ ނެދަލޭންޑްސް މި އަހަރުގެ ޔޫރޯގައި ވާދަކުރަން ޖެހިފައިވަނީ ގްރޫޕު "ޑީ" ގައެވެ. މި ގްރޫޕުގައި ނެދަލޭންޑްސްގެ އިތުރުން ވާދަކުރަނީ ޕޮލޭންޑް, އޮސްޓްރިއާ އަދި ފްރާންސްއެވެ.

މި އަހަރުގެ ޔޫރޯގައި ނެދަލޭންޑްސްގެ އެންމެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވަނީ 16 ޖޫން ވާ ދުވަހުގެ 18:00 ގައެވެ. މި މެޗުގައި ނެދަލޭންޑްސް ނިކުންނާނީ ޕޮލޭންޑްއާ ދެކޮޅަށެވެ.