ސްޕެއިންގެ މަޝްހޫރު ގޯލްކީޕަރު ޕެޕޭ ރެއިނާއާއެކު ސިޔާމް ވޯލްޑް މޯލްޑިވްސް ރިސޯޓުގައި ސަމާ ކޭމްޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
ޖޫން މަހުގެ 23 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕު ހޯސްޓު ކޮށްދޭނީ ވިއަރިއާލްއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ގޯލްކީޕަރު ޕެޕޭ ރެއިނާއެވެ. ސިޔާމް ވޯލްޑް މޯލްޑިވްސްގައި ކުރިއަށްދާ މި ތިން ދުވަހުގެ ފުޓުބޯޅަ ކޭމްޕު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ 16:30 އިން ފެށިގެން 18:00 އަށެވެ.
މި ކޭމްޕުގައި ބައިވެރިވާ ފަރާތްތަކަށް ޕެޕޭގެ ފަރާތުން ގޯލްކީޕަރުކަމުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕެޕޭއަކީ ޔޫރަޕުގެ އެންމެ ބޮޑެތި ކްލަބުތަކާ ދެކޮޅަށް ކުޅެފައިހުރި ތަޖުރިބާކާރު ބޭފުޅެއްކަމަށް ވާތީ މި ކޯޗިން ސެޝަންތަކަކީ ގޯލްކީޕަރު ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
މީގެ އިތުރުން މި ކޭމްޕުގައި ފުޓުބޯޅަ ހުނަރު އިތުރަށް ކުރިއެރުވުމަށް ޓަކައި ކުރިއަށް ގެންދާ ޑްރިލްސްތަކާއި އެކުވެރިކަމުގެ މެޗުތައް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ރޭވިފައެވެ. 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްދާ މި ހަރަކާތްތަކުން އެ ކުދިންގެ ފުޓުބޯޅަ ކުޅުމުގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް އެތައް އުކުޅުތަކެއް ދަސްވެގެންދާނެއެވެ.
ޖޫން މަހު ކުރިއަށް ގެންދާ މި ކޭމްޕާ ބެހޭ ގޮތުން ވާހަކަދައްކަމުން ސިޔާމް ވޯލްޑް މޯލްޑިވްސް ރިސޯޓުގެ މެނޭޖަރު ކަމުގައިވާ ވަސީމް ހާމަކުރި ގޮތުގައި މި ކޭމްޕުގެ މައިގަނޑު އަމާޒަކީ ކުޑަ ކުދިންނަށް ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމެވެ.