އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު ހުށަހަޅާފައިވަނީ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.

ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި މި ބިލުގައި މަގްސަދެއްކަމަށް އޮތީ، އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުން ކަމަށެވެ.

މި ބިލުގައި އޮތީ، އިމިގްރޭޝަން ގާނޫނުގެ އަށް ވަނަ މާއްދާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުންގެ ތެރޭގައި، އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ނުވަތަ އެހެން ގައުމަކާއެކު ވެސް އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށެވެ.

މީގެ އިތުރުން، ރާއްޖެއަށް އިސްރާއީލުން ރައްޔިތުން އެތެރެވުން މަނާކުރުމަށް ގޮވާލައި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްފައިނުވާ ކަމަށާއި މިކަން ކުރެވޭނޭ ވަކި މުއްދަތެއް ވެސް އެނގެން ނެތީތީ ސީދާ ގާނޫނަށް ގެންނަ ބަދަލެއް ހުށަހެޅި ޕާސްޕޯޓު މަނާކުރުން އަވަސް ކުރުވަން ކަމަށް އިސްލާހުގައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ގޮވާލައި ގިނަ އަދަދެއްގެ މީހުން މުޒާހަރާކޮށްފައިވެއެވެ. އިސްރާއީލުގެ ފަތުރުވެރިން ރަށަށް އެރުމުން، އަނބުރާ ފޮނުވާލުމުގެ ހަދިސާތައްވެސް ހިނގާފައިވެއެވެ.