ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރުޞަތުތައް ފުޅާކުރުމުގެ މަޤްޞަދުގައި ރަށްތަކާއި ފަޅުތައް ތަރައްޤީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒްމް މިނިސްޓްރީން ނެރުނު އިއުލާނުގައި ވާގޮތުން، އަލަށް ލިބެން ހުރި ބީލަމުގެ ތެރޭގައި 11 އަތޮޅެއްގެ 14 ރަށަކާއި 3 ފަޅެއް ހިމެނޭނެއެވެ.

ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ހދ. ވައިކަރަމުރައިދޫ އާއި ކ. އަތޮޅު ހިއްމިއްޔާ ފަޅު އަދި ޅ. މައިދޫއާއެކު ދިއްފުށި ހިމެނޭއިރު ވައިކަރަމުރައިދޫ އިކުއިޒިޝަން ކޮސްޓް 1.8 މިލިއަން ޑޮލަރާއި ހިއްމިއްޔާ ފަޅު 23.5 މިލިއަން ޑޮލަރު އަދި ދިއްފުއްޓަށް 18.5 މިލިއަން ޑޯލަރު އަރައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓުން ޕްރޮޕޯސަލްގެ ތަފްސީލް ބަލައި، އެއާ އެއްގޮތަށް އެޕްލިކޭޝަން ހުށަހަޅައަން ވަނީ އަންގާފައެވެ.

މި ސަރުކާރުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ސަރުކާރުން ދަނީ ނުނިމި ހުރި ރިސޯޓުތައް ނިންމުމުގައި އިންވެސްޓަރުންނަށް އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރައީސުލްގުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި މިއަހަރުގެ ތެރޭގައި 20 ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.