ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އަމަލުތަކަކީ "ގަތުލްއާންމު" ކަމަށް ބުނުމުން، އެމެރިކާގެ ހޮސްޕިޓަލަކުން މުސްލިމް ނަރުހެއް ކަމުގައިވާ ހެސެން ޖަބްރް ވަޒީފާއިން ވަކިކޮށްފިއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ގަތުލް އާންމެއް ކަމަށް ހެސެން ބުނެފައިވަނީ ނިމިދިޔަ މޭ މަހު އެވޯޑް ހަފަލާއެއްގައި، ހަމަނުޖެހުންތަކުގައި ދަރިން ގެއްލުނު މައިންގެ ހާލު ބައްލަވައިލައްވާ، އެހީތެރިކަން ފޯރުކުރެއްވުމުގު އަވަދިނެތި އުޅުމުން ލިބުނު އެވޯޑެއް ބަލަވައިގަންނަމުން ދެކެވި ވަހާކަފުޅުގައިއެވެ.

ހޮސްޕިޓަލުގެ ތަރުޖަމާނުން ވިދާޅުވީ މިފަދަ "ބައިބައިވުމުގެ" މައްސަލަތަކުގައި އަމިއްލަ ވިސްނުންތައް ޕްރޮފެޝަނަލް ސެޓިންގެ ތެރެއަށް ނުގެނެވުމަށް ހެސެންއަށް މީގެ ކުރިން ވެސް އިންޒާރު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ބައިވެރިވި މުވައްޒިފުންގެ އިވެންޓެއްގައި ހެސެންގެ ސްޓޭންޑް ތަކުރާރުކުރެއްވުމުން އެ ހޮސްޕިޓަލުން ވަނީ އެ މަހު ފަހުކޮޅު ޓާމިނޭޝަން ސިޓީ އެއް ނެރެފައެވެ.

ހެސެން އިންސްޓަގްރާމްގައި އޭނާގެ ތަޖުރިބާ ހިއްސާކޮށް، އޭނާގެ އެވޯޑުގެ ފަރުދީ މުހިންމުކަން ފާހަގަކޮށް، ޣައްޒާގެ އަންހެނުންނާ އެއްބައިވަންތަކަން ފާޅުކުރިއެވެ.

"ޣައްޒާގައި މިހާރު ހިނގަމުންދާ ޖަރީމާތަކުގައި އަޅުގަނޑުގެ ގައުމުގެ އަންހެނުން ނަށް ހީވެސް ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބެމުންދާތަން ފެނުމަކީ އަޅުގަނޑަށް ލިބޭ ހިތާމައެއް،" އެވޯޑް ބަލައިގަންނުމުން ދިން ތަގުރީރުގައި ހެސެން ބުންނެވެ.

ހެސެންގެ މި ވާހަކަތަކުގެ ފަހަތުގައި ވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު އިސްރާއީލުން ޣައްޒާގައި ކުރިއައްގެންދާ ގަތުލުކުރުންތަކެވެ. އަށް މަސް ދުވަހަށް ދިގުދެމިގެން ދިޔަ މި ގަތުލުކުރުންތަކުގެ ސަބަބުން 36،000 އަށް ވުރެ ގިނަ މީހުން މަރުވެ، ފުޅާ ދާއިރާއެއްގައި ގެދޮރު ގެއްލި، ޣައްޒާގައި އިންސާނީ ބޮޑެތި ކާރިސާތައް ވަނީ ކުރިމަތިވެފައެވެ. މި ހާލަތުގެ ސަބަބުން މުޅި ދުނިޔޭގައި ނުތަނަވަސްކަން އިތުރުވެ، އިސްރާއީލާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ވަނީ ފަށާފައެވެ.