އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ރަހުމްކުޑަ ހަމަލާތައް ނިމުމަކަށް ގެނައުމުގެ މަގްސަދުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ހުށަހެޅުމެއް ހާމަކުރައްވަައިފިއެވެ.

މި ޕްލޭންގައި ތަފާތު ތިން މަރުހަލާއެއް ހިމެނޭއިރު، މަޝްވަރާތަކާއި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަރުހަލާތަކުގައި ވެސް ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ހަ ހަފުތާއަށް ދެމިގެންދާ ފުރަތަމަ ފިޔަވަހީގައި ޣައްޒާގެ އާބާދީ މަރުކަޒުތަކުން އިސްރާއީލު ސިފައިން ފައިބަން ޖެހެއެވެ. މި މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނަށް ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއިލުގެ އުމުރުން ދުވަސްވީ މީހުންނާއި އަންހެން ގައިދީން ބަދަލުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޣައްޒާގެ އުތުރުގެ ރައްޔިތުން ހިމެނޭ ގޮތަށް ފަލަސްތީނުގެ އާންމުންނަށް ވެސް އެނބުރި އައުމުގެ ފުރުސަތު ދޭނެއެވެ. ޣައްޒާއަށް ދުވާލެއްގެ މައްޗަށް 600 އެހީގެ ޓްރަކް ވަދެ، އިންސާނީ އެހީ ވަރަށް ބޮޑަށް އިތުރުކުރާނެ ކަމަށްވެސް މި ހުށައެޅުމުގައި ވައުދުވެފައިވެއެވެ.

ދެވަނަ ފިޔަވަހީގައި ހަމާސް އާއި އިސްރާއީލާ ދެމެދު ސީދާ މަޝްވަރާތައް ކުރިއަށް ގެންދަނީ ހަނގުރާމަތައް ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނައުމަށެވެ. ބައިޑަން ވިދާޅުވީ މި މަޝްވަރާތައް ކުރިއަށްދާހާ ހިނދަކު ހަނގުރާމަ ކުރިއަށް ނުގޮސް ދެމިއޮންނާނެ ކަމަށެވެ.

އެންމެ ފަހު މަރުހަލާގައި ޣައްޒާގެ އަލުން ބިނާކުރުމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލައި، ހަމަނުޖެހުންތަކަށް ދިގު މުއްދަތަކަށް ސިޔާސީ ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ބައިޑެން ވިދާޅުވިއެވެ.

ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި، އިސްރާއީލު ސިފައިން އަނބުރާ ގެންދިއުމާއި، އަލުން ޣައްޒާ ބިނާކުރުމާއި، ގައިދީން ބަދަލުކުރުން ފަދަ ކޮންމެ ހުށަހެޅުމަކަށް ވެސް ހުޅުވިފައި އޮތަކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. އެ ޖަމާއަތުން ކަނޑައަޅާފައި ވަނީ އިސްރާއީލުން މި ފިޔަވަޅުތަކަށް ވަރަށް ސާފުކޮށް ވައުދުވެ، ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ޣައްޒާގައި ހުރި އެމީހުންގެ ގެތަކަށް އެނބުރި ދިއުމަގެ ފުރުސަތު ދިނުމަށެވެ.

މި އަހަރުގެ ކުރީކޮޅު، ވަކި ގައިދީން ދޫކޮށްލުމުގެ ބަދަލުގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ހުށަހާޅާފައިވެވެ. އެ އެއްބަސްވުން ނާކާމިޔާބުވީ ހަމަނުޖެހުންތައް ދާއިމީ ކޮށް ނިމުމަކަށް ގެނައުމަށް ހަމާސް އިން ގޮވާލި ޑިމާންޑްތަކަށް އިސްރާއީލުން ދެކޮޅު ހަދައި، ޣައްޒާގެ ދެކުނުގައި އޮންނަ ރަފަޙްގައި އަސްކަރީ ފިޔަވަޅުތައް ވަރުގަދަ ކުރުމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ރަހުމްކުޑަ ގަތުލުކުރުމުގައި ފަލަސްތީނުގެ 36،284 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.