ފްލެޓް ގެއްލުނު ފަރާތްތަކުގެ ހައްގުތައް ހޯދުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

އިދިކޮޅުން ބުނީ "މަގޭ ފްލެޓް ކޮބާ؟" މި ނަމުގައި ބާއްވާ މި އެއްވުން ފެށޭނީ އެ ދުވަހުގެ ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށް އިދިކޮޅުން ބުނެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔަމީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 7000 ހައުސިންގ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އިއްޔެ ވަނީ އިއުލާންކޮށްފައެވެ. ހިޔާ މަޝްރޫޢުއަށް ކުރިމަތިލުުމަށް ހުޅުވާލުމުން 25،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު، ފްލެޓް ލިބުނީ 6،720 މީހުންނަށެވެ.

ހިޔާ ފްލެޓްގެ ދާއިމީ ލިސްޓާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފްލެޓް ދީފައިވަނީ ވަކި ބަޔަކަށް އިސްކަންދީގެން ބާރާއި ނުފޫޒު ބޭނުންކޮށްގެން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.