ހަތްދިހަ ހަތްވަނަ ވަނަ ވޯލްޑް ހެލްތު އެސެމްބްލީ އިން ފަލަސްތީނުގެ ދައުލަތް ބައިވެރިކުރަން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއާ އެކު 101 ގައުމަކުން ތާއީދުކުރި މި ނިންމުމަކީ ފަލަސްތީނުގެ ފުރިހަމަ ދައުލަތާއި ބައިނަލްއަގްވާމީ އިދާރާތަކުގެ މެމްބަރުކަން ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ތާއީދު ކުރާ މިންވަރު އިތުރުވަމުންދާ ކަން ދައްކުވައިދޭ ނިންމުމެކެވެ.

"މި ގަރާރަށް ތާއީދު ކުރަން އަޅުގަނޑުމެން ނިންމީ ފަލަސްޠީނުގެ ރައްޔިތުންނަށް ދައުލަތެއްގެ ދަރަޖަ ލިބުމުގެ ޙައްޤުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި ފުރިހަމަ މެމްބަރުކަން ހޯދުމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއީދު ކުރާތީ. އަދި މިއީ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގަބޫލުކުރަން،" ރައިސް ވިދާޅުވިއެވެ.

މި ޤަރާރަކީ ބައިނަލްއަޤްވާމީ މައިދާނުގައި ފަލަސްޠީނުގެ ދަރަޖަ އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ އޮނިގަނޑުތަކުގެ ތެރެއިން ދައުލަތެއްގެ ޙައްޤުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.