ރާއްޖޭގައި ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ 65 ޕްރޮޖެކްޓަކަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، ޖުމްލަ 23 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އިންޑިއާ ހައިކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އޭގެ ތެރެއިން 8 މަޝްރޫއެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ދަނީ އެކި މަރުހަލާތަކުގައި ކުރަމުންނެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ އަމާޒަކީ ރާއްޖޭގެ އަތޮޅުތަކުގައި އިގްތިސާދީ ކުރިއެރުމަށް ބާރުއެޅުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމެވެ.
ދިވެހި ސަރުކާރުން އިސްކަންދޭ ގޮތަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި މަސް ޕްރޮސެސް ކުރާ ޕްލާންޓާއި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުތަކާއި ސަގާފީ މަރުކަޒުތަކާއި ޒުވާނުންގެ މަރުކަޒުތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުން ހިމެނެއެވެ. އިންޑިއާގެ ހިލޭ އެހީއާއި 500 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ކްރެޑިޓްގެ އެހީގައި ކުރިއަށްގެންދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ސަބަބުން އިގްތިސާދީ ދުވެލި އިތުރުވެ، އެ ސަރަޙައްދުގެ ކަނެކްޓިވިޓީ އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާ ހައިކޮމިޝަނާ ދެމެދު ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ރިވިއު ބައްދަލުވުމަށް ފަހު އިންޑިއާ ހައިކޮމިޝަނުން ވަނީ ދާދި ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މި މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ. މި ރިވިއު ބައްދަލުވުމުގައި އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަޞީރާއި އިންޑިޔާސަފީރު މުނޫ މަހާވާރު އަދި ސަރުކާރުގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މި އެއްބަސަވުން އިފްތިތާހު ކުރީ 2019 ވަނަ އަހަރު މާޗް މަހުގެ 17 ވަނަ ދުވަހު ސޮއިކުރި އެމްއޯޔޫގައި އެންމެ ފުރަތަމަ 5.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ކަނޑައެޅުމަށްފަހުއެވެ. އޭގެ ފަހުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އާ އެމްއޯޔޫތަކެއް މެދުވެރިކޮށް ހިލޭ އެހީ އިތުރުކޮށް، އެޗްއައިސީޑީޕީގެ ޖުމްލަ ހިލޭ އެހީ ވަނީ 16.5 މިލިއަން ޑޮލަރަށް އަރާފައެވެ. މީގެ އިތުރުން ހަތް މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ކޭޝް ގްރާންޓް ޕްރޮޖެކްޓްތައް ވެސް ކުރިއަށް އެބަދެއެވެ.
އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން އަނބުރާ ގެންދިއުމަށް ރައީސުލްގުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގޮވާލެއްވުން ފަދަ ޑިޕްލޮމެޓިކް ނުތަނަވަސްކަން އުފެދުނު ނަމަވެސް، ކޮމިއުނިޓީ ޕްރޮޖެކްޓްތަކުގައި އެއްބާރުލުން ދިނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ޕާޓްނާޝިޕް ދައްކުވައިދޭ ކަމެކެވެ.