ސަރުކާރު ސްކޫލްތަކުގައި އެއާކޮންޑިޝަން ސިސްޓަމްތައް ބެހެއްޓުމުގެ މަގްސަދުގައި ސަރުކާރުން ކުރިއަށް ގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް މިއަދު އިފްތިތާހުކޮށްފިއެވެ.
މި މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު މާފުށީ ސްކޫލްގައި ބޭއްވި އެސެމްބްލީގެ ތެރެއިންނެވެ. މި ރަސްމިއްޔާތުޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. މިނިސްޓަރު ވިދާޅުވީ ތައުލީމަށް ޚަރަދުކުރަން މި ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ. އަދި ރައީސުލްގުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ގައުމު ބިނާކުރުން ކަމަށާއި ތައުލީމަކީ އެ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްރޮޖެކްޓަކީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު ހޫނުގަދަވުމުގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް އެޑިޔުކޭޝަނުން މިނިސްޓްރީން ބުނެއެވެ.
އެޑިޔުކޭޝަނުން ބުނެފައިވާ ގޮތުން، 'ކޫލް ސްކޫލް‘ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުއެވެ. މިގޮތުން، އެންމެ ފުރަތަމަ އޭސީ ހަރު ކުރެވިގެން ގޮސްފައިވަނީ މާފުށީ ސްކޫލް ކަމަށާ، މާފުށީ ކައުންސިލުން އެ ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަންދީފައި ވާކަން އެ މިނިސްޓަރީން ފާހަގަކުރެއެވެ.
މީގެ އިތުރުން، މިނިސްޓަރު ޝަފީއު ވިދާޅުވީ އޭސީ ހަރުކުރުމުގެ ސަބަބުން ސްކޫލްތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އަދި ކަރަންޓް ބިލަށް ކުރާ ހޭދަ 38 ޕަސެންޓް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރާކަމަށެވެ. ނަމަވެސް މިކަން ހައްލުކުރުމަށް މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ސްކޫލްތަކުގައި ސޯލާ ޕެނަލް ހަރުކުރާނެއެވެ. މިގޮތުން، ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވާނެެއެވެ.
"ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމަށް އަމާޒުކޮއްފައިވާ ޕްރޮޖެކްޓެކެވެ.