އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ސަރުކާރުގެ މި ނިންމެވުން އިއުލާންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ައލީ އިހުސާނެވެ.

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމަވައިފައެވެ.

މީގެ އިތުރުން ފަލަސްޠީނާއި އިސްރާއީލްގެ މައްސަލައިގައި، ރާއްޖެއިން އިސްކަންދިނުމަށާއި ކޮށްދިނުމަށް ފަލަސްޠީނުން އެދޭކަންކަން ދެނެގަތުމަށް، ރައީސް ސްޕެޝިއަލް އެންވޯއީއެއް ކަނޑައަޅުއްވަން ނިންމެވުން ހިމެނެއެވެ.

ހަމައެހެންމެ، ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ހާލުގައި ޖެހިފައިވާ އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމެވުމާއި "ފަލަސްޠީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވެވުމަށްވެސް ވަނީ ނިންމަވައިފައެވެ.