ޒަޔަނިސްޓް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ރާއްޖެއަށް ދަތުރު ނުކުރުމަށް އިޒްރޭލު ޕާސްޕޯޓް ގެންޅޭ ފަރާތްތަކަށް އަންގައިފިއެވެ.

ރާއްޖޭގައި މިވަގުތު ތިބި އިޒްރޭލު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ރާއްޖެއިން ފުރާ ދިއުމަށްވެސް މިބަޔާނުގައި ވަނީ ލަފާދީފިއެވެ.

އިސްރާއީލުން މިހެން އެންގީ، ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން އިއްޔެ ނިންމި ނިންމުމާ ގުޅިގެންނެވެ. ނަމަވެސް އިޒްރޭލު ޕާސްޕޯޓް މަނާކުރަން ގާނޫނަށް ބަދަލު ގެންނާނެ ތާރިހާއި އަމަލުކުރަން ފަށާނެ ތާރިހެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑަރުން ރާއްޖެއަށް އެތެރެވުން މަނާކުރަން ރާއްޖެއިން ނިންމީ ޣައްޒާގައި މިހާރު ހިނގަމުންދާ ގަތުލްއާންމާ ގުޅިގެން އާންމުންގެ ނުރުހުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުން ދަނީ ދެކުނު ޢައްޒާގެ ރަފަހަށް ހަމަލާތަކެއް އަމާޒުކުރަމުންނެވެ. ރެފިއުޖީ ކޭމްޕްތަކަށާއި ރައްކާތެރި ކަމަށް އިސްރާއިލުން ކަނޑައަޅާފައިވާ ހިސާބުތަކަށްވެސް އިސްރާއިލުން ދަނީ ރަހުމް ކުޑަ ގޮތަކަށް ހަމާލާދެމުންނެވެ.

އިސްރާއީލާ ދެކޮޅު ފިކުރުތައް ރާއްޖޭގައި އިތުރުވުމުގެ ސަބަބުން ޑިސެމްބަރު މަހުވެސް އިސްރާއއީލުން ޓްރެވަލް އިންޒާރެއް ދީފައިވެއެވެ. ރާއްޖޭގައި މިދިޔަ އަހަރު އިސްރާއީލުގެ ގާތްގަނޑަކަށް 11،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.