އިސްރާއީލުން ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހުން ޝަހިދުވެފައިވާއިރު، ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ހަ އަންހެނުންނާއި ކުޑަކުދިން ޝަހިދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޚާންޔޫނިސްގެ މީހުން ދިރިއުޅޭ ގެތަކަށް ރޭގަނޑު ދިން ހަމަލާތަކުގައި އިތުރު 12 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލުން ސިފައިން ތިން ހަފުތާވަންދެން ޖަބާލިއާ ރެފިއުޖީ ކޭމްޕުގައި ހިންގި ގަތުލްއާންމު ހުއްޓާލިތާ ދުވަސްކޮޅެއް ފަހުން އެ ކޭމްޕުން އިތުރު 50 މީހެއްގެ ހަށިގަނޑު ފެނިފައިވާއިވެއެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ މިހާރު ވަނީ "ކާރިސާގެ ސަރަހައްދެއް" ގެ ގޮތުގައި ކަނޑައަޅައިފައެވެ.

ނުސީރަތު ރެފިއުޖީ ކޭމްޕަށާއި ބުރެއިޖް ރެފިއުޖީ ކޭމްޕަށް ހަމަލާތައް ދީފައި މިވަނީ ޣައްޒާގައި ހަމާސްގެ ވެރިކަން އެއްވެސް މަރުހަލާއެއްގައި ބަލައިނުގަންނާނެ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ގޮވާލާފައިވަނިކޮށެވެ، ޔޯވް ގަލަންޓަކީ ހަމާސްގެ ތިން ލީޑަރުންނާއެކު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރަކާ ކުރިމަތިލާން ޖެހިފައިވާ އިސްރާއީލުގެ ދެ ލީޑަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ނަމަވެސް، ހަމާސްގެ ތަރުޖަމާނު އުސާމާ ހަމްދާން ވަނީ އެމެރިކާގެ ރައީސް ބައިޑަން ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުއްވުމަށް މަރުހަބާ ވިދާޅުވެފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ގަތުލްއާންމުގައި މިހާތަނަށް ފަލަސްތީނުގެ 36،439 މީހުން ޝަހީދުވެ، 82،627 މީހުން ޒަޚަމްވެފައިވެއެވެ.