ށ. މިލަންދޫގައި ޒަމާނީ ފެންވެރަށް އެރަށު މަގުތައް ހެދުމުގެ މަޝްރޫއުގެ %95 މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.
އާރްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން 9 މަގަކާއި 3 ގޯޅިއެއް (ޖުމްލަ 6.3 ކިލޯމީޓަރ) ޒަމާނީ ފެންވަރަށް ތަރައްގީކުރުން ހިމެނޭ ކަމަށެވެ.
އަދި މަގުތަކުގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ވަނީ ނިމިފައި އަދި ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ 98 އިންސައްތަ ވަނީ ނިމި މަގު ބައްތި ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، އެންމެ ގޯޅިއެއްވިޔަވައި ތާރު އެޅުމުގެ މަސައްކަތްތައްވެސް ނިމިފައިވާ އެ ކުންފުނިން ބުނެފައިވެއެވެ.
ހަމައެއާއެކު އާރްޑީސީން ބުނީ މިހާރު ކުރިއަށް ދަނީ ސްޕީޑް ބްރޭކަރތައް ހެދުމާއި މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްތައް ކަމަށާއި އަދި މީގެ އިތުރުން ފިނިޝިންގ ގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 12 މަރިޗު 2020 ގައެވެ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ދުވަހަކީ ދުނިޔެއަށް ކުރިމަތި އާލަމީ ވަބާ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ދުވަހުއެވެ.
އަދި އެކަމުގެ ސަބަބުން އެ ކުންފުނިން ހިންގަމުން އައި މަޝްރޫއުތައް އެރަށް ހިމެނޭހެން މަޑުޖައްސާލަން މަޖުބޫރުވި ކަމަށާއި ދަތުރުފަތުރުގެ ގޮންޖެހުންތަކާއެކު މަޝްރޫއުތައް ހިންގުމަށް ރަށްރަށަށް ދަތުރު ކުރުން ހުއްޓާލަންޖެހުނު ކަމަށާއި އަދި މަޝްރޫއުތަކަށް ބޭރުން ގެންނަ އެކިހަލަ ސާމާނާ ވަސީލަތްތައް ރާއްޖެ ނުގެނެވި ލަސްވި ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން ރަށްރަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ އިތުރަށް ކޯވިޑް ލޮކްޑައުންގެ ސަބަބުން މުވައްޒަފުންގެ އަދަދު މަދުވުމުގެ ދަތިތަކާއިވެސް ކުރިމަތިލާން ޖެހުނު ކަމަށް އާރްޑީީސީން ބުނެފައިވެއެވެ.
މި މަޝްރޫއަކީ 156,477,632.23 ރުފިޔާގެ މަޝްރޫއުއެކެވެ.