އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯޕްރަލް މުހައްމަދު ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފިއެެވެ.

ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެ އަސްރު ނަމާދަށްފަހު، ރ.އުނގޫފާރު އިސްލާމީ މަރުކަޒުގައެވެ.

މި ޖަނާޒާގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފާއި، އެޖުޓަންޓް ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ އިބްރާހީމާއި، ކޯސްޓްގާޑްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ސަލީމް ބައިވެރިވެ ވަޑައިގެން، އާއިލާއާ ބައްދަލު ކުރައްވައި ވަނީ ތައުޒިޔާ ދަންނަވާފައެވެ.

މި ޖަނާޒާއަށްފަހު ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ގައުމީ ދިދަ، ކޯޕްރަލް ޒައިދާންގެ އާއިލާއާ ވަނީ ހަވާލުކޮށްދެއްވާފައެވެ. ކޯޕްރަލް މުހައްމަދު ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު ލ.މާވަށްކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ.ގަން ރީޖަނަލް ހޮޮސްޕިޓަލްގައެވެ.

ކޯޕްރަލް މުހައްމަދު ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، މިއަދުން ފެށިގެން ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ އިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއްވެސް ވަނީ އަރުވާފައިވެއެވެ. ރ.އުނގޫފާރުގައި މިއަދު ބޭއްވި މި ޖަނާޒާގައި ސިފައިންގެ އިތުރުން، ރ. އުނގޫފާރުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެލައްވާފައެވެ.