މެކްސިކޯގެ ފުރަތަމަ އަންހެން ރައީސަކަށް ކްލައުޑިއާ ޝެއިންބައުމް އިންތިހާބު ކާމިޔާބުކޮއަފިއެވެ.

މެކްސިކޯގެ އިލެކްޓޯރަލް އޮތޯރިޓީގެ އިބްތިދާއީ ނަތީޖާ ދައްކާ ގޮތުން މެކްސިކޯ ސިޓީގެ ކުރީގެ މޭޔަރު ކްލައުޑިއާ، 58 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ އަދަދަކަށް ވޯޓު ހޯއްދާފައިވާއިރު، އެކަމަނާގެ އެންމެ ބޮޑު ވާދަވެރިޔާ، ވިޔަފާރިވެރިޔާ ޒޮޗިޓްލް ގަލްވޭޒް ވަނީ ގާތްގަނޑަކަށް 30 އިންސައްތަ ޕޮއިންޓުން ދެވަނައިގައެވެ. ކްލައުޑިއާ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ހުވާކުރަން ވަނީ ހަމަޖެހިފައެވެ.

ކުރީގެ އެނާޖީ ސައިންޓިސްޓެއް ކަމަށްވާ ކްލައުޑިއާ ވަނީ މިހާރުގެ ރައީސް، އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރާޑޯގެ މަގުބޫލު ވެލްފެއާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވައުދުވެފައެވެ. ކާމިޔާބީގެ ތަގުރީރުގައި އެކަމަނާ ވަނީ އިންތިޚާބުގެ ތާރީޚީ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، "[މެކްސިކޯ] ރިޕަބްލިކްގެ 200 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މެކްސިކޯގެ އަންހެން ރައީސަކަށް އަޅުގަނޑު ވެގެންދާނެ" ކަމަށް ވިދާޅުވެފައެވެ. ކްލައުޑިއާ ވަނީ އޭނާގެ ކާމިޔާބީ ހުރިހާ އަންހެނުންނަށް ހާއްސަކުރައްވައި، އިންކްލޫސިވިޓީ އާއި ސަޕޯޓަށް އަޒުމް ކަނޑައަޅުއްވާފައެވެ.

އުފާފާޅުކުރި ނަމަވެސް ކެމްޕެއިންގައި ހަމަނުޖެހުންތަކެއް ހިނގިއިރު، މެކްސިކޯގެ އެކި ކަންކޮޅުތަކުގައި 20 އަށް ވުރެ ގިނަ ލޯކަލް ކެނޑިޑޭޓުން ވަނީ މަރުވެފައެވެ. ކެނޑިޑޭޓް ގަލްވޭޒް ވަނީ ހަމަނުޖެހުންތަކަށް ހައްލެއް ނުލިބޭކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މި ސީރިއަސް މައްސަލަތަކަށް ކްލައުޑިއާ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ހާއްސަކޮށް ބާރުގަދަ މެކްސިކޯގެ ޑްރަގް ކާޓެލްތަކާ ކުރިމަތިލުމުގައި ކްލައުޑިއާ ވެރިކަމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އެކަމަނާގެ އަމާޒަކީ މެކްސިކޯގެ ޒުވާނުން ކްރިމިނަލް ޖަމާއަތްތަކާ ގުޅެން ހުއްޓުވުމަށް ވެލްފެއާ ޕްރޮގްރާމްތަކަށް އިންވެސްޓްކޮށްގެން ހަމަނުޖެހުން ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކަށް ހައްލު ހޯދުމެވެ. އަދި ބޯޑަރު ހުރަސްކޮށް ދިރިއުޅޭ މެކްސިކޯގެ މީހުންގެ ދިފާއުގައި އެމެރިކާއާ އެކު އިހުލާސްތެރި ގުޅުމެއް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ވެސް އެކަމަނާ ދެއްވިއެވެ.

ކްލައުޑިއާގެ ކެމްޕޭނަށް ލޮޕޭޒް އޮބްރަޑޯގެ ތާއީދުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ލިބުނު އިރު، އެޕްރޫވަލް ރޭޓިން ހުރީ 60 ޕަސެންޓާ ގާތްކޮށްފައެވެ.