އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ވޯޓު ގުނަމުންދާއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނުން ބޮޑު ލީޑާކާއެކު އިންތިހާބުގެ ކުރިހޯދައިފިއެވެ.

އެހެންނަމަވެސް، އިދިކޮޅު ކޯލިޝަން ފަރާތަކުން އަންނަނީ މަޑުމަޑުން ގޮނޑިތަށް ނަގަމުނެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އިންޑިއަން ނޭޝަނަލް ކޮންގްރެސް އިން ވަނީ އުއްމީދުކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއެއް މިހާތަނަށް ނެރެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެޓިކް އެކްސަސައިޒް ކަމަށްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަކީ ހަތް ފިޔަވަހީގެ ބޮޑު އިންތިހާބެކެވެ. އޭޕްރީލް މަހުގެ 19 ވަނަ ދުވަހު މި އިންތިހާބު ފެށި އިރު، ހޮނިހިރު ދުވަހު ވަނީ އިންތިހާބުގެ ވޯޓުލުން ނިންމާލާފައެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ 543 މެމްބަރުން ހިމެނޭ ލޮކް ސަބާގެ އަޣުލަބިއްޔަތު ހޯދުމަށް ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް 272 ގޮނޑި ބޭނުންވެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން، ބީޖޭޕީއިން ވަނީ 230 ގޮނޑީގެ ލީޑު ހޯދަފައެވެ. މީގެ އިތުރުން، އެގްޒިޓް ޕޯލްތަކުން ދައްކާ ގޮތުގައި މޯދީ އަށް ތިން ވަނަ ދައުރަކަށް ވެރިކަމަށް އާދެވިދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ރެކޯޑް އަދަދަކަށް 642 މިލިއަން މީހުން ވޯޓުލާފައިވާކަމަށެވެ. ނަމަވެސް، ވޯޓު ގުނާނެ ގޮތަކާ މެދު އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އެއްވެސް ޖަވާބެއްދީފައެއެނުވެއެވެ.

މިއަހަރު ވޯޓުލީ މީހުންގެ ނިސްބަތަކީ 66.3 އިންސައްތަ، މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް އެއް އިންސައްތަ ދަށް އަދަދެކެވެ.