ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

އެގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް މިއަދު އައްޔަންކުރެއްވި ދެ މެންބަރުންނަކީ ރައްޔޮތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، އަބްދުއްރަހީމް އަބްދުﷲއާ ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ކ.ގުރައިދޫ، ސީވީޑް ހުސައިން ރިޒާ އާދަމެވެ.

އަބްދުއްރަހީމް ޢަބްދުﷲ އައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ހުސައިން ރިޒާ އައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުހައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސް ވަނީ އަރުވާފައެވެ.