ރާއްޖެއަކީ އިންޑިއާގެ އަގުހުރި ބައިވެރިއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެންވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް މޯދީ ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް އިންތިހާބުވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުއިއްޒަށް ޝުކުރުދަންނަވަމުން މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އިންއާގެ އަގުހުރި ބައިވެރިޔަކާއި އަވަށްޓެރި ޤައުމެއްކަމަށެވެ.

އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދުކުރާކަމަށްވެސް މޯދީ އެ ޕޯސްޓުގައި ވިދާޅުވެއެވެ.

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު މޯދީއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓަށްވެސް މޯދީ ޖަވާބުދެއްވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މޯދީއަށް މަރުހަބާ ވިދާޅުވެފަވެއެވެ.

މޯދީގެ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ވަނީ މިފަހު ބޭއްވި އިންތިހާބުގައި 240 ގޮނޑި ހޯދާފައެވެ.