ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނަށް އަމިއްލަ ދައުލަތެއް ދިނުމަށް މުޅި ދުނިޔޭގައި ކުރަމުންދާ މަސައްކަތަށް އަނެއްކާވެސް ދިރުމެއް ލިބިއްޖެއެވެ.

ފަލަސްތީނުގެ ދައުލަތެއް ބަލައިގަތް އެންމެ ފަހުގެ ގައުމަކަށް ސްލޮވީނިއާ ވެފައިވަނީ ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ހޯދޭނީ އިސްރާއީލާއެކު މަޝްވަރާކޮށްގެން ސުލްހައިގެ ތެރެއިން ކަމަށް ހުޅަނގުގެ ބާރުތަކުން ޒަމާނުއްސުރެ ދެކެމުން އައި ވިސްނުން މުގުރާލާފައެވެ.

މިއީ ސްޕެއިން، އަޔަލޭންޑް އަދި ނޯވޭ އިން މިދިޔަ ހަފުތާގައި އެޅި ފިޔަވަޅަކާ ގުޅިގެންނެވެ.

އިސްރާއީލު ރުޅިގަދަވެފައިވާ ސްލޮވޭނިއާގެ މި ނިންމުމުގެ މާނައަކީ އދ. ގެ މެމްބަރު 193 ގައުމުގެ ތެރެއިން 146 ގައުމަކުން މިހާރު ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމެވެ.

އޭގެ ތެރޭގައި މެދުއިރުމަތީގެ، އެފްރިކާ، ލެޓިން އެމެރިކާ އަދި އޭޝިއާގެ ގިނަ ގައުމުތައް ހިމެނޭ އިރު، އެމެރިކާ، ކެނެޑާ، ހުޅަނގު ޔޫރަޕްގެ ބޮޑުބައެއް، އޮސްޓްރޭލިއާ، ޖަޕާން އަދި ދެކުނު ކޮރެއާއެއް ނުހިމެނެއެވެ.

މިދިޔަ އޭޕްރީލް މަހު އެމެރިކާއިން ވަނީ އދ. ގެ ފުރިހަމަ މެމްބަރު ގައުމަކަށް ވުމަށް ފަލަސްތީނުން ކުރާ މަސައްކަތް ހުއްޓުވުމަށް އދގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުންކޮށްފައެވެ.