ރަޝިޔާ އިސްވެ އުފައްދާފައިވާ ބްރިކްސް ކޯލިޝަންއާ ގުޅެން ތުރުކީން ޝައުގުވެރިވާ ކަމަށް ބުނާ ބުނުމަށް ކްރެމްލިން އިން ރުހުން ދީފައިވާ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވެއްޖެެވެ.

ކުރިއަށް އޮތް ބްރިކްސް ސަމިޓުގައި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޕެސްކޯވް ވަނީ އަންގާރަ ދުވަހު ކަށަވަރު ކޮށްދެއްވާފައެވެ.

ބްރިކްސް ކޯލިޝަންގައި މިހާރު ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ، ސައުތު އެފްރިކާ، އިތިއޯޕިއާ، އީރާން، މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. އެކި ގައުމުތަކުން ޝައުގުވެރިކަން އިތުރުވަމުން ދިޔަ ނަމަވެސް، އެކަމަށް ޝައުގުވެރިވާ ހުރިހާ މެމްބަރުންނަށް ޖާގަ ދިނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަން ޕެސްކޯވް ފާހަގަކުރެއްވިއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ދާދި ފަހުން ބެއިޖިންގއަށް ކުރެއްވި ދަތުރުފުގައި މިމޭރުމުން ވަނީ ވާހަކަފުޅު ދައްކާފައިވެއެވެ.

މިދަތުރުފުޅަކީ 2012 ވަނަ އަހަރަށްފަހު ބްރިކްސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޗައިނާއަށް ތުރުކީގެ އޮފިޝަލަކު ކުރެއްވި އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ. ފިދާންގެ މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އާއި ޗައިނާގެ އެހެން އޮފިޝަލުންނާ އެކު ވަނީ މަޝްވަރާކުރައްވާފައެވެ. ބްރިކްސްގައި ތުރުކީއަށް މެމްބަރުކަން ދިނުމުމަށް އިޝާރަތްކުރެއްވުމުން ކފިދާން ވަނީ އުފާފާޅުކޮށް، "ޔަގީނުން ވެސް އަހަރެމެން ބޭނުންވޭ، ކީއްވެތޯ ނުވާނީ؟" ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ތުރުކީގެ ރަސްމީ ނޫސް އެޖެންސީ އަނަޑޯލޫއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންކާރާއިން ވެސް ބްރިކްސް ގެ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރުމަށް އެދެއެވެ. އަންނަ ހަފުތާގައި ރަޝިއާގައި ބާއްވާ ބްރިކްސްގެ ބައްދަލުވުމެއްގައި ފިދާން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ޝައުގުވެރިކަން ހުރި ނަމަވެސް ބްރިކްސްއާ ގުޅުމުގެ ރަސްމީ ވިސްނުމެއް ތުރުކީން މީގެ ކުރިން އިއުލާނެއް ނުކުރެއެވެ.

ނޭޓޯގެ މެމްބަރު ގައުމެއް ކަމަށްވާ ތުރުކީއަކީ ރަޝިޔާއާ އޮންނަ ގާތް ގުޅުމާ ގުޅިގެން ހުޅަނގުގެ ބައިވެރިންގެ ފާޑުކިޔުންއަމާޒުވެފައިވާ ގައުމަކަށް ވާއިރު، ބައެއް ފަރާތްތަކުން ވަނީ ހުޅަނގުގެ އިއްތިހާދުން ދުރަށް ދާން ލަފާދީފައެވެ. ނަމަވެސް އަންކާރާއިން ގެންދަނީ ނޭޓޯއަށް ދޭ އަހައްމިއްޔަތުކަމާއި ޔޫރަޕިއަން ޔޫނިއަންގެ ފުރިހަމަ މެމްބަރުކަން ހޯދުމުގެ އަމާޒަށް އަބަދުވެސް ޔަގީންކަން ދެމުންނެވެ.