ޒަޔަނިސްޓް އިސްރާއީލު ސިފައިން ޣައްޒާގެ ހުންނަ އދ.ގެ ސްކޫލަކަށް ފަތިހު ބޮމުގެ ހަމަލާއެއްދީ ފަލަސްތީނުގެ 32 މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލާފައެވެ.
އދ. ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް ނުވަތަ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އާ ގުޅިފައިވާ ނުސީރަތު ކޭމްޕްގައި ހުންނަ އަލްސާދީ ސްކޫލަށް ހަމަލާދިން އިރު، އެ ސްކޫލުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް ހިޔާވަހިކަން ދެމުން ދިޔަ ކަމަށް އެ ގައުމުގެ މީޑިއާތަކާއި އޮފިޝަލުން ބުނެއެވެ.
ޣައްޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތުން ވަނީ މި ރަހުމް ކުޑަަ ހަމަލާ އަކީ ބިރުވެރި ގަތުލުކުރުމެއް ކަމަށް ސިފަކޮށްފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ތަރުޖަމާނު އިސްމާއިލް އަލް ތަވާބްތާ ވިދާޅުވީ މިހާރުވެސް ފުރިފައިވާ އަލްއަޤްޞާ ހޮސްޕިޓަލަށް މީހުން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގެ ކެޕޭސިޓީއަށް ވުރެ އިތުރަށް އޮޕަރޭޝަން ކުރަމުންދާއިރު، މިއީ ހަގީގީ ކާރިސާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ވައިގެ ހަމަލާތައް ދީފައިވަނީ "ޔޫއެންއާރްޑަބްލިއުއޭގެ ސްކޫލެއްގެ ތެރޭގައި ހިމެނޭ ހަމާސް ކޮމްޕައުންޑަކަށް" ކަމަށް ބުނެ ގަތުލްއާންމު ދިފާއު ކޮށްފައެވެ. ހަމާސް އިން ވަނީ އެއީ ރަހުމް ކުޑަ ހަމަލާއެއްކަމަށް ބުނެ އެކަން ކުއްވެރިކޮށް އިސްރާއީލުން އެގައުމުގެ އަމަލުތައް ފޮރުވަން އެއްވެސް ހަޤީގަތެއްނެތް ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ދޭ ބޮމުގެ ހަމަލާތައް އިތުރިކޮށްފައި ވަނިކޮށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 102 މީހުން ޝަހީދުވެ، އެގެ ތަރޭގައި ބުރެއިޖާއި މަޣާޒީ ރެފިއުޖީ ކޭމްޕްތައް ހިމެނެއެވެ. އެހީ ފޯރުކޮށްދޭ އިދާރާއެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ވަނީ ޣައްޒާގެ ހާލަތު "އެޕޮކަލިޕްޓިކް" ގެ ގޮތުގައި ލޭބަލްކޮށް، ހަމަނުޖެހުންތައް އިތުރުވެ އިންސާނީ އެހީތައް ހުއްޓިފައި އޮތުމުގެ ސަބަބުން އަލް އަޤްޞާ ހޮސްޕިޓަލާއި ޣައްޒާގެ ސިއްހީ ނިޒާމު، އެއްކޮށް ހުއްޓުމާ ގާތްވެފައިވާކަމަށް ބުނެފައެވެ.
ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަލަސްތީނުގެ 36,586 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 83,074 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. އިންސާނީ ކާރިސާ އިތުރުވަމުންދާ މި ދަނޑިވަޅުގައި ބައިނަލްއަގްވާމީ މުޖުތަމައުން ދަނީ ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅަމުންނެވެ.