ކާބޯތަކެތީގެ ރައްކާތެރިކަމަކީ، ފަރުދީ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި، އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތްކުރެއްވުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގަތީ މިރޭ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޖަލްސާގައި މެޑަމް ސާޖިދާ ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރެވޭ މުހިންމު މަގުސަދުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުގުވެރިކަން އިތުރުކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

" ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ހަޔާތުގެ ތަރައްގީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުގުވެރިކަން މުޖުތަމައުގައި އޮންނަންޖެހޭ." .
ސާޖިދާ ވިދާޅުވިއެވެ

މި އަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ 'ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ!' ކަމުގައި ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ މިއަހަރުގެ ޝިއާރުން އިންސާނާގެ ދުޅަހެޔޮކަމާ ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްގީއާ ރައްކާތެރި ކާބޯތަކެއްޗާ ގުޅިފައިވާ މިންވަރު އެނގިގެންދާކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސްގެ އަނބިކަނބަލުން ވަނީ ދާދި ފަހުން، ރައީސް ތަސްދީގުކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެންމެން ގުޅިގެން އެކަންކަން ހާސިލުކުރުމަށް ބާރުއެޅުއްވިއެވެ.