އިލްމީ ދިރާސާތައް ކުރުން ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުގެ މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދަރިވަރުން ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި، މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންޖެހޭކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން ލިބިފައިވާ އިލްމާ ފަންނީ ހުނަރުން، ޤައުމަށް ކޮންމެވެސް ހިދުމަތެއް ކުރުމަކީ ކޮންމެ ދިވެހިދަރިއެއްގެ ގައުމީ ވާޖިބެއް ކަމުގައި ދެކިވަޑައިގަތުމަށް އިލްތިމާސް ކުރައްވަމުން އެމަނިކުފާނު ވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ތައުލީމުގެ ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވަވާކަން ފާހަގަކުރައްވާފައެވެ.

އަދި ސަރުކާރުގެ އެއް އަމާޒަކީ، މަތީ ތަޢުލީމު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ، ދަރިވަރުންނަށް ލުއިފަސޭހަތަކެއް ހޯދައިދެވޭނެ މަގުތައް ފަހިކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ހަފްލާގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވައި އަދި މި ދަންފަޅީގެ ޚާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވީ ވެސް އެމަނިކުފާނެއެވެ.